ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ މެދުގައި އޮންނަ ކަނޑުމަތީ ބޯޑަރު ކައިރިން އުތުރު ކޮރެއާގެ ނޭވީން ދެކުނު ކޮރެއާގެ ޕެޓްރޯލްކުރާ ބޯޓަކަށް އިންޒާރުގެ ބަޑި މިއަދު ޖަހައިފި އެވެ.

އިއްތިފާގުން ހޮނިހިރު ދުވަހަކީ ދެ ކޮރެއާ މެދުގައި 1950 އިން 1953 ކަށް ހިނގައި ދިޔަ ހަނގުރާމާގައި ބައިބައިވެފައިވާ އާއިލާތައް އަލުން ބައްދަލުކުރި ދުވަހެވެ.

ދެކުނު ކޮރެއާގެ ނޭވީ އިން އިންޒާރުގެ ބަޑި ޖަހާފައި ވަނީ އުތުރު ކޮރެއާގެ ޕެޓްރޯލް ކުރާ ބޯޓު، ބޯޑަރު ހުރަސް ކުރުމާ ގުޅިގެންނެވެ. ނަން ހާމަނުކުރުމަށް އެދޭ ދެކުނު ކޮރެއާގެ ޑިފެންސް އޮފިޝަލަކު ރޮއިޓާސް އަށް ފޯނުން މައުލޫމާތު ދިން ގޮތުގައި އުތުރު ކޮރެއާގެ ބޯޓު އިތުރު ހަމަލާއެއް ނުދީ ފަހަތަށް ޖެހުނީ އެވެ.

ދެކޮރެއާ ދެމެދު ހިނގި ހަމަނުޖެހުމަށް ނޮދަން ލިމިޓް ލައިން ނުވަތަ ކަނޑުމަތިން ދެ ގައުމުގެ މެދުގައި އަޅާފައިވާ ބޯޑަރު އުތުރު ކޮރެއާ އިން ބޭނުން ވަނީ އިތުރަށް ދެކުނަށް ފުޅާކުރުމަށެވެ.

ތަކުރާރުކޮށް ދެ ގައުމުގެ މެދުގައިވާ ގުޅުންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރެވުނު ކަމުގައިވިޔަސް ދެ ކޮރެއާގެ މެދުގައި އަދިވެސް ވަނީ ހަމަޖެހުމުގެ އެއްބަސްވުމުގައި ސޮއި ނުކުރެވިފަ އެވެ. އެހެންކަމުން ދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑެވެ.

އުތުރު ކޮރެއާގެ ސްޕޯކްސްމަން ބުނާ ގޮތުގައި ސައުތު ކޮރެއާ އިން ބަޑި ޖަހާފައި ވަނީ "ރޫޓިން" އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށެވެ. އަދި މިފަދަ ކަންތައްތައްވާ ނަމަ ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރުވާނެކަމުގެ އިންޒާރު ދިނެވެ.

"ދެކުނު ކޮރެއާގެ މިލިޓަރީ އިން މިފަދަ ފަރުވާކުޑަ ކަންތައް ކުރާނަމަ ދެ ކޮރެއާގެ މެދުގައި ގުޅުން ބަދަހި ވުމުގެ ބަދަލުގައި ހަނގުރާމައެއް ފެށޭނީ،" އުތުރު ކޮރެއާގެ ކޭސީއެންއޭގައި ނަންނޭގޭ ސްޕޯކްސްމަންއެއް ބުނެފައިވެ އެވެ.

ބޯޑަރު ސަރަހައްދުގައި ދެ ނޭވީ މެދުގައި ކުރިން ހިނގާފައިވާ ހަމަލާތަކުގެ ސަބަބުން ދެ ފަރާތުން ވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. ދެހާސް ދިހަ ވަނަ އަހަރު ދެކުނު ކޮރެއާގެ ނޭވީ އުޅަނދަކަށް ލިބުނު ޓޯޕީޑޯ ހަމަލާއެއްގައި 46 ފަޅުވެރިން މަރުވެފައިވެ އެވެ. މިއީ އުތުރު ކޮރެއާގެ ހަމަލާއެއްކަމުގައި ދެކުނުން ބުނި ނަމަވެސް ޕުޔޮންގްޔަންގް އިން ވަނީ މިކަން ދޮގު ކޮށްފަ އެވެ.

އޮގަސްޓު މަހުގައި ދެ ގައުމުން ވަނީ ގުޅުންތައް ބަދަހި ކުރުމަށް މަސައްކަތްކުރުމަށް އެއްބަސް ވެފަ އެވެ. އާއިލާތަށް ބައްދަލުކުރުން ވެގެން ދިޔައީ މި ކަމަށް އެޅުނު އާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

މައުލޫމާތު: ރޮއިޓާސް