ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ކޭލާ ނާވަސްގެ ފަރާތުން ފެންނަމުންދާ ޕާފޯމަންސަކީ ރެއާލްގައި ފަހުގެ ތާރީޚްގައި ކީޕަރެއްގެ ފަރާތުން ފެނިފައިވާ ހުނަރުވެރި ކަމެއް ނޫނޫނެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ނާވަސްގެ ވާހަކަ ލިޔަމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ނަމަވެސް ރޭ ސެލްޓަވިގޯއާ ދެކޮޅަށް ރަށުން ބޭރުގައި ރެއާލް ކުޅުނު މެޗް 3-1 ނަތީޖާއަކުން މޮޅުވިއިރު ސެލްޓާއިން ފޮނުވާލި ގިނަ ހަމަލާތަކެއް ނާވަސް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ރެއާލްގެ ސަޕޯޓަރުން ރޮނާލްޑޯ އަތުގައި ބޯޅަ ޖެހުމުން 'ރޮނާލްޑޯ ރޮނާލްޑޯ' ގޮވައި ދަނޑު ކައްކަލާއިރު ރޭ ސެލްޓަގެ ވެލްޑޮބޮސް ސްޓޭޑިއަމްގައި ރެއާލްގެ ސަޕޯޓަރުންގެ އަޑު ކައްކާލާފައިވަނި "ކޭލާ ކޭލާ ކޭލާ' (ނާވަސް) ގެ ނަމުންނެވެ.

އޭނާއަށް ރެއާލްގެ ކުޅުންތެރިންނާ އިދިކޮޅު ޓީމުންވެސް ވަނީ ތައުރީފްކޮށްފައެވެ. ސެލްޓަގެ ކޯޗް ބެރީޒޯ ބުނީ ރެއާލްގެ ގޯލް ކީޕަރު ނާވަސްގެ ފަރާތުން ފެނިފައިވަނީ މުޅިން ތަފާތު ކުޅުމެއް ކަމަށެވެ.

އަދި ސެލްޓަގެ ޓީމަށް ޖަހަން ލިބުނު ހަތަރު ފަސް ގޯލެއް ނާވަސްގެ މޮޅު ސޭވްތަކުގެ ސަބަބުން ހުއްޓިފައިވާކަމަށް ބެރީޒޯ ބުންޏެވެ.

ރެއާލް މެޑްރިޑް ފާހަގަ ކުރެވެނީ އަބަދުވެސް ގިނަ ލަނޑު ޖަހާ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މިސީޒަންގައި އެޓީމަކީ އެންމެ މަދުން ގޯލް ވަންނަ ޓީމެވެ.

މިސީޒަންގައި މިހާތަނަށް ކުޅުނު 12 މެޗުން އެޓީމް ކޮޅަށް ވަދެފައިވަނީ ތިން ލަނޑެވެ. އަދި ފުރަތަމަ ފަސް މެޗް ނާވަސް ނިންމާލާފައިވަނީ އޭނާ ބެލެހެއްޓި ގޯލަށް އެންމެ ގޯލެއްވެސް ނުވަދެ ރެއާލް މެޑްރިޑްގެ 40 އަހަރު ވީ ރެކޯޑް މުގުރާލުމަށްފަހުއެވެ.

މި ވޭތުވެދިޔަ 40 އަހަރު ތެރޭ ރެއާލް މެޑްރިޑްގެ އެއްވެސް ކީޕަރަކަށް ފަސް މެޗް ލަނޑެއް ވަނަ ނުދީ ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

ނާވަސް ރޮނާލްޑޯއާ އެއް ލެވަލްއަކަށް!

ރެއާލް މެޑްރިޑްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ރެއާލްއާ ގުޅުނު ފަހުންވެސް އޭނާ ދަނީ އެކަން އެގޮތުގައި ދަމަހައްޓަމުންނެވެ.

ނަމަވެސް މިސީޒަންގައި ޓެކްޓިކްސްތަކުގެ ރެކޯޑް ދައްކާއިރު ރޮނާލްޑޯއަށް ލިސްޓް ކުރެވެނީ ނާވަސްގެ ފަހަތުންނެވެ.

ރޭ ރެއަލް ކޮޅަށް ލަނޑު ޖެހި ސެލްޓަގެ ކެޕްޓަން ނޮލީޓޯވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ. އޭނާ ބުނެފައިވަނީ ސެލްޓާ ބަލިވުމުގެ އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ނާވާސްއާއި ރޮނާލްޑޯ ކަމަށެވެ.

ޑެހެއާ ރެއާލްއަށް ގެނައުމުގެ 'ގުރުބާނީ' އަކަށް ނާވަސް

މިސީޒަންގެ ޓްރާންސްފާ މާކެޓްގެ އެންމެ ފަހު ދުވަހަކީ ޓްރާންސްފާ އެންމެ ބޮޑު ދުވަހަށް ވާނެ ކަމަށް ގިނަ ބަޔަކު ހީކުރިއެވެ. ރެއާލުން ޝައުގުވެރިވާ މެންޗެސްޓާ ޔުނައިޓަޑްގެ ސްޕެއިންގެ ގޯލް ކީޕަރު ޑެވިޑް ޑެހެއާ ރެއާލަށް ގެންނަން ދެ ކްލަބުގެ މެދުގައި ރަސްމީ ވާހަކަތައް ދެކެވުނު އިރު، ޑެހެއާ ގެނައުމަށް 'ދަހިވެތިވެފައިވާ' ރެއާލްއިން އޮތީ ޑެހެއާ ގެނައުމަށް، ނާވަސް ގުރުބާނީއަކަށް ހަދައި އޭނާ މެންޔޫއަށް ފޮނުވުމަށް އެއްބަސްވެފައެވެ.

ނަމަވެސް ދެ ކްލަބުގެ ދެމެދުގައި ލިޔެކިޔުންތައް ފޯރުކޮށްދިނުމުގައި ލަސްވެ ޓްރާންސްފާގެ މުއާމަލާތް ފުރިހަމަ ނުވުމަކީ ދެ ކީޕަރުންނަށާއި ދެޓީމަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވަނީ ވެފައެވެ.

ޑެހެއާއަށް ވެސް މެންޔޫއިން ލިބެމުން ދިޔަ މުސާރަ ބޮޑުވެ އާ ކޮންޓްރެކްޓެއްގައި ސޮއި ކުރިއިރު، ނާވަސް ވަނީ ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވެފައެވެ. ސްޕެއިންގެ މީޑިއާތަކުގެ ބަހުންނަމަ ރެއާލްގެ ގުރުބާނީ ވެފައިވަނީ އެޓީމަށް 'ޖަވާހިރަކަށެވެ.'