ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނިފައިވާ ކަމަށާއި އަދި އެންމެ ފަހުން ޑިފެންސް މިނިސްޓަރަކަށް ހުންނެވި މޫސާ އަލީ ޖަލީލު ވަނީ ބަޑި ބޭސް އެތެރެކުރުމުގެ ހުއްދަ އެމްއެމްޕީއާރުސީ އަށް ދެއްވާފައި ކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެ އެވެ.

ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާ އާ ބެހޭ ގޮތުން ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދެ ޑިފެންސް މިނިސްޓަރުން ވަކި ކުރެއްވުމުގައި އެއްވެސް ސިޔާސީ ބޭނުމެއް ނެތް ކަމަށެވެ.

"ދެ ޑިފެންސް މިނިސަޓަރުން މަގާމުން ދުރުކުރުމަކީ ކޮންމެހެން ސިޔާސީ ގޮތުން މީހަކަށް އަދަބު ދިނުން ކަމަށް ގަބޫލުކުރާނެ ޖާގައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައަކާއި ގޮވާތަކެއްޗަކީ އެގޭގައި ހުރި ތަކެތި ކަމަށެވެ.

"ޝަރިއަތުގައި އެ މަނިކުފާނުގެ ޖެހޭނީ އެއީ އެމަނިކުފާނުގެ ތަކެތި ނޫންކަން އަދި އެގެއަށް ވަންގޮތެއް އެނގިވަޑައިނުގަންނަވާކަން ސާބިތުކޮށްދެއްވަން،" ރައީސް ވިދާޅުވި އެވެ.

ފުލުހުން އެގެ ބަލައި ފާސްކުރި އިރު އެފަދަ ތަކެތި ފެނިފައި ވުމުން އެކަމުގައި ރައީސް އަށް ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށާއި ރައީސް އަށް ޖެހިވަޑައިގަންނަވާނީ އެ މައްސަލަ ތަހުގީގުކޮށް ކޯޓަށް ހުށަހަޅަން ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކޯޓަށް ހުށަހަޅުއްވާފައި ބޭނުންފުޅުވާ ކަމެއް ކޯޓަަށް ހުށަނައަޅުއްވުމުގެ އިޚްތިޔާރެއް ނޯންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެ އުސޫލުގެ މަތިން ނާޒިމްގެ މައްސަލަ ކޯޓަށް ދޫކޮށްލެއްވީ ކަމަށް ވިދާޅުވި އެވެ.

ރައީސް ނާޒިމްގެ ބަލައި ފާސް ކުރި ޓީމާއި ބައްދަލުކުރެއްވުން

ނާޒިމް މަގާމުން ވަކިކުރެއްވީ ނާޒިމް އުޅުއްވާ ގެއިން ފެނުނު ފިސްތޯލަ އާއި ގޮވާތަކެތީގެ މައްސަލަ އާ ގުޅިގެން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ނާޒިމު ވަކިކުރެއްވީ ސިފައިންގެ އިސް އޮފިސަރުންނާ ނާޒިމު ބައްދަލު ކުރައްވައި އެ މައްސަލާގައި ރައީސްއާ ދިމާކުރެއްވުމަށް، ނޫނީ ކޮންފުރަންޓް ކުރެއްވުމަށް ނާޒިމު ހިތްވަރު ދެއްވުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭނާގެ މައްޗަށް ރައީސްގެ އިތުބާރު ގެއްލި މަގާމުން ވަކިކުރެއްވީ އެހެންވެގެން ކަމަށް ވިދާޅުވި އެވެ.

ނާޒިމް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރިން ޓީމުން އެމަނިކުފާނާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް ކުރެއްވި ކަމަށް ބުނެ ނާޒިމް ކުރެއްވި ޝަކުވާ އަކާ ގުޅިގެން ޚުދު ރައީސް ނާޒިމްގެ ބަލައި ފާސްކުރި ފުލުހުންގެ ޓީމާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވި އެވެ. ފަނަރަވަރަކަށް މީހުން ހިމެނޭ އެ ޓީމްގައި ފޮރިންސިކް މީހުންނާއި ސްވޮޓް މީހުންނާއި ގާނޫނީ މީހުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވާ ހުރިހާ ސުވާލެއް އެ މީހުންނާކޮށް އަޅުގަނޑު ބޭނުންވާ މައުލޫމާތު އަޅުގަނޑަށް ލިބުނު. ނާޒިމުކަން އެނގުނު ހިސާބަކުން އެ މީހުން ނާޒިމްއާ ދޭތެރޭ ކަންތައްތައްކުރީ ވަރަށް އިހްސާންތެރިކަމާ އެކީ. އެއްވެސް ކަހަލަ ގޮތަކަށް ނާޒިމް ބިރުފުޅު ގަންނަ ގޮތަކަށް ކަންތައް ކޮށްފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އަދި ސިފައިންގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވާ 'ލޭކެއްކެވުމުގެ މަސައްކަތްތަކެއް' ނާޒިމް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އާ ދިމާކުރައްވަ ހިތްވަރު ދިނުން

"އަދި ކުރައްވާފައި ވިދާޅުވި ކަލޭމެން ދާށޭ މި މައްސަލާގައި ރައީސް އާ ކޮންފްރަންޓް ކުރައްވަން. މިއީ އަޅުގަނޑުގެ އިތުބާރު މިނިސްޓަރާ ދޭތެރޭ ގެއްލުނު ހިސާބަކީ. މިނިސްޓަރު ނުޖެހޭ އަޅުގަނޑާ ކޮންފްރެންޓް ކުރާކަށް ސިފައިންގެ އިސް އޮފިސަރުން ފޮނުވާކަށް،" ރައީސް ވިދާޅުވި އެވެ.

އަދި ރައީސް ހުންނެވީ ނާޒިމާ ދޭތެރޭ ޝަރީއަތުން ގޮތެއް ނިމެންދެން މަގާމުން ވަކިނުކުރައްވައި ބަހައްޓަވާ ކަހަލަ ވިސްނުންފުޅެއްގައި ކަމަށާއި އެހެންނަމަވެސް ސިފައިން އިސް އޮފިސަރުން ރައީސްއާ ދިމާކުރެއްވުމަށް ހިތްވަރު ދެއްވުމުން ރައީސް އިތުބާރު ނާޒިމްގެ މައްޗަށް ގެއްލި މަގާމުން ވަކިކުރެއްވީ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރުންނާ ދޭތެރޭ ރައީސްގެ އޮންނަ އިހްތިރާމެއްގެ ސަބަބުން އެފަދަ ވާހަކަ ނުދައްކަވަނީ ކަމަށާއި އެހެންނަމަވެސް އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަންގަވާތީ ހަގީގަތް ހާމަކުރެއްވީ ކަމަށް ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލް މަގާމުން ވަކި ކުރެއްވުން

އެއްމެ ފަހުން ޑިފެންސް މިނިސްޓަރަކަށް ހުންނެވި މޫސާ އަލީ ޖަލީލް މަގާމުން ވަކި ކުރެއްވީ ރިޔާސީ ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާއާ ސީދާ ގުޅުމެއް އޮވެގެނެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ޒަމާނުއްސުރެ ހަވާގެ ގޮތުގައި ގެންނަ ބަޑި ބޭހަކީ ސިފައިން އިމްޕޯޓް ކުރާ އެއްޗެއް ކަމަށާއި އެހެންނަމަވެސް މޫސާ އަލީ ޖަލީލު އަމިއްލަ ފުޅަށް، ރައީސް އާއި މަޝްވަރާކުރެއްވުމެއް ނެތި އެ ކަން ބަދަލުކުރައްވައި، އެމްއެމްޕީއާރުސީ އަށް އެ ހުއްދަ ދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހާ ވަރުގަދަ އަށް ހިފަހައްޓަމުން އައި އުސޫލެއް އޭނަ ވަނީ އެމްއެމްޕީއާރުސީ [މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން] އަށް އަމިއްލަ އަށް އިމްޕޯޓްކުރެވޭ ގޮތަށް ހުއްދަ ދެއްވާފައި،" ރައީސް ވިދާޅުވި އެވެ.

އަދި އެކަމާ ގުޅިގެން ސިފައިންގެ ވެރިން ސުވާލުކުރެއްވުމުން އެ ހުއްދަ އެމަނިކުފާނު ދެއްވި ކަމަށާއި އަދި އެ ހުއްދަ ދެއްވީ ޑިފެންސް މިނިސްޓަރުގެ ހައިސިއްތޔަތުން ކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވި ކަމަށެވެ.

އަދި އެމްއެމްޕީއާރުސީ އިން އިމްޕޯޓް ކުރި ހަވާ ކޮންޓޭނަރުގައި ހުރި ބަޑިބޭހުން ގޮވާތަކެތި އުފެއްދިދާނެ ކަަމަށް ރައީސް ވިދާޅުވި އެވެ. އަދި އެހަވާ ޝިޕްމެންޓްތެރޭގައި ދެން ހުރީ ކޯއްޗެއް ކަަމަށް ބަލައި ފާސްކުރެވުނު ކަމެއް އެނގެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލި ތަހުގީގާ ގުޅޭ ގޮތުން އެންމެ އިސް އޮފިސަރަކަށް ހައްޔަރުކޮށްފައި ހުރި އަހުމަދު ފަޔާޒް ( ޕާޕާ) ކަމަށާއި އޭނާ އަކީ މޫސާ އަލީ ޖަލީލާ ދެބޭންގެ ދެދަރި މީހެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ދެ ސަބަބާ ހުރެ ރައީސް އާއި ސިފައިންގެ ޗީފާއި ވައިސް ޗީފާއި މަޝްވަރާކޮށްފައި ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާ މޫސާ އަލީ ޖަލީލް ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފުރިހަމަ ގޮތެއްގައި ތަހުގީގު ނުކުރެވޭނެތީ މަގާމުން ވަކި ކުރެއްވީ ކަމަށް ވިދާޅުވި އެވެ.

"ކަނޑައެޅިގެން މޫސާ އަލީ ޖަލީލުގެ އެއްވެސް ކުށެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާ ތަހުގީގުކުރުމަށް ވަނީ އިންކުއަރީ ކޮމިޝަނެއް އެކުލަވާލައިފަ އެވެ.