25 Oct 2015, 12:27
ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި މައްސަލައިގެ ތަހުގީގަށް ބަލައި ފާސް ކުރި މީހުންގެ ގޭގެ އިން ބޮން ހަދާނެ ސާމާނު ފެނިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާއި މުހާތަބް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައިގެ ތަހުގީގަށް ގޭގެ ބަލައި ފާސްކުރި އިރު އެ ގޭގެއިން ބޮންހަދާ ސާމާނު ފެނިފައިވާ ކަމަށާއި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރަންޖެހުނު ސަބަބަކީ އެއީ ކަމަށެވެ.
"ނައިބު ރައީސް އެކަހެރިކުރަންޖެހުނު ސަބަބަކީ ތަހުގީގަށް ހައްޔަރުކޮށްފައިތިބި މީސްމީހުންގެ ގޭގެ ބަލައިފާސްކުރި އިރު ބޮންހަދާނެ ސާމާނު ބައެއް ގޭގެއިން ވަނީ ފެނިފައި. މިއީ ތަހުގީގަށް ފެނިފައިހުރި ސާމާނު،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެގޮތަށް ހެކިތައް ފެންނަން ހުއްޓައި ލޯންޗްގައި ބޭނުން ކޮށްފައި ވަނީ ބޮމެއްކަން ޔަގީންވެފައިވާތީ މުޅި މާލޭގެ ސަލާމަތަށް ގޭގެ ބަލައި ފާސްކުރަން ވަނީ މަޖުބޫރުވެފައި ކަމަށާއި އެގޮތުން ޝައްކުކުރެވޭ ގެއެއްވިއްޔާ ބަލައި ފާސްކުރަން މަޖުބޫރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބް ކުރައްވައި ވާހަކަ ފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
"ލޯންޗުގައި ބޭނުންކޮށްފައި ހުރީ ބޮމަކަށްވެފައި އަދި ބަންދުކުރެވިފައި ތިބި މީހުންގެ ގޭގެ ހޯދައިބެލި އިރު، ފާސްކުރިއިރު އެ ގޭގެއިން ބޮން ހަދަން ބޭނުންކުރާ ސާމާނު ފެނިފައި ހުރީމަޔާއެކީ މިއީ ދިވެހި ރައްޔިތުންނަށް ނުރައްކާތެރި ހާލަތެއްގައި އޮތް ވަގުތެއްކަން އަޅުގަނޑަށް ގަބޫލު ކުރެވުނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުގައި ބޮމެއްގޮވި މައްސަލައިގައި ސިފައިންނާއި ފުލުހުން ގުޅިގެން ގިނަ ގޭގެއެއް ދަނީ ޗެކް ކުރަމުންނެވެ. އޭގެ ތެރެއިން އިއްޔެ ޗެކްކުރި ބައެއް ގޭގެއަށް ސިފައިން ވަދެފައި ވަނީ ހަތިޔާރާ ވެސް އެކީ އެވެ.
ތަހުގީގުގައި ހުރި ގޮންޖެހުންތައް ހިއްސާ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ހެކި ނައްތާލަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ތަންތަން ބަލައިފާސްކުރަން ކޯޓް އަމުރު ހިފައިގެން ދިއުމުން އެތަންތަނުން ބަލައި ފާސްކުރުމުގެ ދަތިތަކެއް ކުރިމަތި ކުރުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ތަންތަން ބަލައި ފާސްކުރަން ދާއިރު އެތަންތަނުގެ ވެރިފަރާތަށް އޮންނަނީ ބަލައިފާސްކުރަން ދާކަން އެނގިފައި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެވިޑެންސްގެ ގޮތުގައި ލިބެން ހުރި، ނޫނިއްޔާ ލިބޭނެ ވަރަށް ގިނަ އެވިޑެންސް މިވަނީ ނެތި ގޮސްފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ތަހުގީގުގެ ބޭނުމަށް މިހާރު ހައްޔަރު ކުރެވިފައިވާ މީހުންނަކީ ހައްޔަރު ކުރަން ޖެހިގެން ހައްޔަރުކޮށްފައިވާ މީހުން ކަމަށާއި ބޮންގޮވި ހާދިސާއާ ގުޅިގެން ލޯންޗު ބަލައިފާސްކުރަން އެރި މީހުން ކުރަން ނުޖެހޭ ކަންތައްތަކެއް ކުރިކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.