މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފައިނަލްގައި ހަރިކޭން އާއި ޓީރެކްސް މިއަދު ނިކުންނާނެއެވެ.

މި މަހުގެ ފަހެއްގައި ފެށި އެ މުބާރާތް ކުޅެމުން އަންނަނީ ލީގް އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. އެގޮތުން ތާވަލުގެ އެއްވަނައިގައި އޮތް ހަރިކޭން އަދި ދެވަނައިގައި އޮތް ޓީރެކްސް އަށް ވެސް ލިބިފައިވަނީ 22 ޕޮއިންޓެވެ. ހަރިކޭން އެއްވަނައިގައި އޮތީ އެވްރެޖް ޕޮއިންޓްގެ ތަފާތުންނެވެ.

މިފަހަރުގެ ގައުމީ މުބާރާތުގައި ޖުމްލަ ހަޓީމް ވާދަކުރެ އެވެ. އަދި ސެމީ ފައިނަލަށް ނުގޮސް ކަޓާފައިވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވި ކްލަބް ޕީކޭއާއި އެއް މެޗުން މޮޅުވެފައިވާ ޔޫއެން ފްރެންޑްސް އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުރިޔަށް ދާ އެ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ހަތަރު ޓީމުގެ ތެރޭގައި ހިމެނެނީ 14 ޕޮއިންޓާއެކު ދިވެހި ސިފައިންގެ ކްލަބާއި 18 ޕޮއިންޓާއި އެކު ރެޑްލައިން ކުލަބާއި 22 ޕޮއިންޓާ އެކު ޓީރެކްސް ބީސީ އަދި ހަރިކޭން ބީސީ އެވެ.

މުބާރާތުގެ ފައިންލް މެޗު ކުޅޭނީ މިއަދު ހަވީރު 16:30 ގައި ޒުވާނުންގެ މަރުކަޒްގެ އެތެރޭ ކޯޓްގައެވެ.