Last Updated:
1 decade 4 week ago

ނައިބު ރައީސް މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ އެއްވެސް ޝަކުވާއެއް ނާދޭ.

    ބުލޮގު ޚުލާސާ

    ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މިއަދު ހެނދުނު 10:00ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމާ މުޚާތަބުކުރައްވާނެ އެވެ. މިއީ ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާއަށް ފަހު، ރައީސް ޔާމީން ގައުމާ މުހާތަބުކުރައްވާ ފުރަތަމަ ފަހަރެވެ.

    10:57

    ނައިބު ރައީސް ރާއްޖެ ވަޑައިނުގަންނަވާށޭ ބުނެ ބިރުދައްކާފައި ނުވާނޭ ކަމަށް ވިދާޅުވި. ނައިބު ރައީސް ހުންނެވީ ހަނު. އެ ނިންމެވުން ނައިބު ރައީސް ބަދަލުކުރައްވަން ޖެހޭނޭ ކަމަށް ރައީސް ވިދާޅުވި.

    10:56

    ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ އެތެރެކުރަން މިދަނީ މަސައްކަތްކުރައްވަމުން ކަމަށް ވިދާޅުވި.

    10:56

    ހައްޖުދަތުރުފުޅަށްފަހު ސައުދީ ސަރުކާރާއެކު މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި.

    10:54

    މިހާރު އެންމެ އިސްކަމެއް ދެއްވާ ދެ މަޝްރޫއަކީ އެއާޕޯޓާއި ބްރިޖްގެ މަޝްރޫއު. މި ދެ މަޝްރޫއު 2017ގެ ނިޔަލަށް ނިންމޭތޯ މަސައްކަތްކުރައްވާ ކަމަށް ވިދާޅުވި.

    10:54

    ވަރަށް އަވަހަށް ޓޫރިޒަމް މިނިސްޓްރީއަށާއި ޑިފެންސް މިނިސްޓްރީއަށް ބޭފުޅުން އައްޔަންކުރައްވާނޭ ކަމަށް ވިދާޅުވި.

    10:53

    ފުލުހުންގެ މުއައްސަސާއަށް އިތުބާރު އުފެއްދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް މިރައީސް ކުރައްވާނޭ ކަމަށް ރައީސް ޔާމީން ވިދާޅުވި.

    10:52

    ކޮންމެ ސަރުކާރަކުން ވެސް އެ ޕާޓީއެއް ނިސްބަތްވާ މަޖިލިސްމެންބަރުންނަށް ލަޔާގަތާ ގާބިލިއްޔަތު ހުރި މިންވަރަކުން އެހީތެރިވެދޭނެ.

    10:52

    ނައިބުރައީސް މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ އެއްވެސް ޝަކުވާއެއް ނާދޭ.

    10:51

    ނައިބު ރައީސްއަށް އިތުބާރާ ގިނަ ފުރުސަތުތަކެއް ދެއްވެވީ ސަރުކާރު ހިންގުމުގެ ދުވެލި އަވަސްކުރައްވަން ކަމަށް ރައީސް ވިދާޅުވި.

    10:50

    ސިފައިންނާ ފުލުހުންގެ މައްޗަށް ނައިބު ރައީސް އަދީބު ނުފޫޒު ފޯރުވާފައި ވަނީ، ރައީސްއަށް އެނގިވަޑައިގަތުމާ ނުލައި ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވި.

    10:49

    ނައިބު ރައީސް ތަހުގީގަށް އެއްބާރުލުން ދެއްވައިގެން ތަހުގީގުން ލިބޭ ނަތީޖާއެއްގެ މައްޗަށް މެނުވީ، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނަގާނަން.

    10:49

    ނައިބު ރައީސްގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި. އަދި ނައިބު ރައީސްގެ ނަންފުޅު ސާފުވެގެން ދާނީ އޭރުންކަމަށް ވިދާޅުވި.

    10:48

    ވަކި މީހަކު ހުރެގެން އަދި ވަކި މީހަކު ނެތުމުން ސަރުކާރަށް ހީނަރުކަމެއް ނާންނާނެ.

    10:47

    ސަރުކާރު ހިންގުމުގައި ރައީސްގެ ދައުރު އިތުރަށް ފުޅާކުރައްވައި، ގިނަ ކަންތައްތައް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނޭ ކަމަށް ވިދާޅުވި.

    10:46

    ރާއްޖެއަށް ބޭރުން އަންނަަންޖެހޭ އިންވެސްޓްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް. ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރި ހަމަޖެހިފައި. އޭގެ ތެރޭގައި ބްރިޖްގެ މަސައްކަތްވެސް ހިމެނޭ.

    10:43

    ލޯންޗުކޮޅު ހާދިސާގެ މައްސަލައިގައި މިހާރުގެ ނައިބު ރައީސް އަދީބު ކުށްވެރިއެއް ނުކުރަން. ނަމަވެސް ތުހުމަތުތަކެއް ކުރެވޭތީ މަސްއޫލިއްޔަތުން އެކަހެރިކުރައްވާފައި ބަހައްޓަން މަޖުބޫރުވީ.

    10:40

    ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު މަގާމުގައި ހުންނެވިއިރު ސަރުކާރަށް އެއްބާރުލުން ނުދެއްވާ. އެ މަނިކުފާނާ ބެހޭގޮތުން ބަދުބަހެއް ދަންނަވާކަށް ބޭނުމެއް ނޫން. އެމަނިކުފާނުގެ ދިފާއުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އެބައޮތް.

    10:39

    ރައީސް ނަޝިދުގެ ޝަރީއަތަކީ އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއަ ޝަރީއަތެއް ނޫން.

    10:39

    ރައީސް ނަޝީދުގެ ޝަރީއަތް އަވަސްކުރެއްވީ ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން، 2018ގެ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވި.

    10:38

    2018ގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވަން ސީދާ ގޮތެއް ނުނިންމަވާ ކަމަށް ރައީސް ވިދާޅުވި.

    10:37

    ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ގޭގައި މަޑުކުރައްވަން އެންގެވުމުން އިސްތިއުފާ ދެއްވެވީ އަމިއްލަފުޅަށް. އެކަމާ ލޯންޗުކޮޅުގެ ހާދިސާއާ ގުޅުމެއް ނެތް.

    10:36

    ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު މަގާމުން ވަކިކުރެއްވުމުގައި ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާ އެއްވެސް ގުޅުމެއް ނެތް.

    10:35

    ޑިފެންސް މިނިސްޓްރީއަށް އެކަނި ބަޑިބޭސް އެތެރެކުރެވޭގޮތަށް އޮތް އޮތުން އޭރުގެ ޑިފެންސް މިނިސްޓަރު ވަނީ ބަދަލުކުރައްވައި އެމްއެމްޕީއާރުސީއަށް ވެސް ބަޑިބޭސް އެތެރެކުރެވޭ ގޮތަށް ހައްދަވާފައި.

    10:31

    ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް މަގާމުން ވަކި ކުރީކީ އެގެއިން ހަތިޔާރު ފެނިގެނެއް ނޫން. ނާޒިމްއަށް އިތުބާރު ގެއްލުނީ ސިފައިންގެ އޮފިސަރުންގެ ތެރޭގައި ލޭ ކައްކުވައި ސިފައިންގެ އޮފިސަރުންގެ ގާތުގައި ރައީސްއާ ކޮންފްޓަރަންޓް ކުރަންދާށޭ ބުނި ހިސާބުން.

    10:31

    ޖަމީލު މަގާމުން ވަކިކޮށް، މިހާރުގެ ނައިބު ރައީސްވެސް ހައްޔަރުކުރީ ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް އެކަންޏެއް ނޫން.

    10:29

    ނައިބުރައީސުންގެ އެހީއަށް އެންމެ ބޭނުންވާ ވަގުތުތަކުގައި އެބޭފުޅުންގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖަމީލު އަދި މިހާރުގެ ނައިބު ރައީސްގެ ވާހަ ރައީސް ފާހަގަކުރެއްވި.

    10:28

    އެކި މީހުންނަށް ތުހުމަތުކުރެވޭ ގިނަ ކަންތައްތަކެއް ހުރުމުން މިއީ އިއްތިފާގުން ހިނގި ހާދިސާއެއްކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވި.

    10:27

    ޖުލައިމަހުން ފެށިގެން ރައީސަށް ލިބެންޖެހޭ، ފުލުހުންގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވި. ނަމަވެސް އެ މައުލޫމާތުތައް ނައިބުރައީސް ވަނީ އެއްކުރައްވާއި.

    10:26

    ނައިބުރައީސްއާއި ފުލުހުންނާ ގުޅުން ހުރި ކަންތައްތަކުން އަޅުގަނޑަށް ފެނުނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހުސައިން ވަހީދު އެމަގާމުގައި ނުބަހައްޓަން.

    10:26

    ނައިބުރައީސްއާ ގުޅުންހުރި ކަމަކަށްވަތީ ނައިބުރައީސް އެބަޖެހޭ މިތަހްގީގަށް އެއްބަރުލުން ދެއްވަން.

    10:23

    އަޅުގަނޑަށް ނައިބުރައީސްގެ ފަރާތުން ފެނިފައިވަނީ މިތަހްގީގަށް ހުރަސްތައް ކުރިމަތި ކުރަމުންދާތަން.

    10:22

    ލޯންޗުގައި އޮތީ ބޮމެއް ކަމަށް ސިލޯނުގެ ފޮރެންސިކް ޓީމުން ވަނީ ބުނެފައި.

    10:21

    ނައިބުރައީސް އެކަހެރިކޮށްފައި ތަހުގީގު ކުރިއަށް ގެންދިއުމަށް މަސައްކަތް ފެއްޓެވީ އެމަނިކުފާނާ ގުޅުންހުރި ބައެއް ބޭފުޅުންގެ ގެއިން ބޮން ހަދަން ބޭނުންކުރާ ސާމާނު ފެނިގެން.

    10:20

    މާލޭގެ ގެތަށް ބަލައި ފާސްކުރިއިރު ބޮން ހަދަން ބޭނުންވާނެ ސާމާނު ވަނީ ފެނިފައި. އެހެންވެ ތަންތަން ބަލައި ފާސްކުރަނީ.

    10:18

    އަޅުގަޑުގެ އިތުބާރު ނެއްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު މެންބަރުންނާއި ޕީޕީއެމްގެ ޕާލަމެންޓު މެންބަރުން ގޮވައިގެން ނައިބު ރައީސް މަސައްކަތްކުރެއްވި ކަން ވަނީ އެނގިފައި.

    10:17

    ތަހުގީގަށް ބޭނުންވާ މައުލޫމާތު، ނައިބު ރައީސްގެ ރިސޯސަސްތައް ބޭނުންކޮށްގެން ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވި، އެހެން ނަމަވެސް އެކަމުގައި އެއްބާރުލުމެއް ނުދެއްވި ކަމަށް ވިދާޅުވި.

    10:17

    އެހެން ނަމަވެސް، ނައިބު ރައީސްގެ ފަރާތުން ތަހުގީގަށް ބޭނުންވާ އެއްވެސް އެއްބާރުލެއްވުމެއް ނުދެއްވާ ކަމަށް ރައީސް ވިދާޅުވި.

    10:16

    ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ފުލުހުންނަށް ހާމަކޮށްދިނުމަށް ޒިޔަތާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި ކަމަށާއި، އަދި ނައިބު ރައީސް ސިންގަޕޫރުގައި ހުންނަވަނިކޮށް އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންކަމށް ވިދާޅުވި.

    10:15

    އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާ ގެންގުޅޭގޮތް ފުލުހުންނަށް އަންގަން ބުނީމަ، އެކަމާ ޒިޔަތު ދެކޮޅުހެދުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫންކަމަށް ވިދާޅުވި.

    10:13

    އެމްއެމްޕީއާރުސީން ފުލުހުން ހޯދަން ބޭނުންވި ލިޔުންތަކެއް އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ގެއިން ފެންނަން ޖެހޭކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި.

    10:13

    މިހާތަނަށް ހައްޔަރުކުރި އެންމެންނަކީ ވެސް ހައްޔަރުކުރަން ޖެހިގެން ހައްޔަރުކޮށްފައިވާ މީހުން ކަމަށް ވިދާޅުވި.

    10:12

    އެ މައްސަލައާ ގުޅިގެން ރާއްޖެއިން ބޭރުން އައި އެކަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ވިދާޅުވި.

    10:11

    ލޯންޗުކޮޅުގެ ތަހުގީގަށް ފުލުހުން ދިޔައިރު، އެންމެ ފުރަތަމަ ހައްޔަރުކުރި ދެމީހުން ވަނީ، ލޯންޗުގައި އެހެން ކަންތައްތަކެއް ކޮށްފައި. އެހެންކަމުން ތަހުގީގަަށް ހުރަސްއެޅުނު.

    10:10

    ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހައްޔަރުކުރަން ޖެހޭ މީހުން ކަމަށް ރައީސް ވިދާޅުވި.

    10:10

    މިފަދަ ނުފޫޒުތައް ހުރުމުން ތަހުގީގު ހިންގަން އުނދަގޫތަކެއް ހުރިކަމަށް ވިދާޅުވި.

    10:09

    ކޯޓުއަމުރު ހިފައިގެން ލޯންޗުކޮޅުގެ ހާދިސާ ތަހުގީގުކުރަން ދިއުމުން އެތަންތަން ޗެކްކުރުމަށް ފުލުހުންނަށް ހުރަސްތަކާ ކުރިމަތިވާކަން ރައީސް ފާހަގަކުރެއްވި.

    10:08

    ނަމަވެސް ނައިބު ރައީސްއާ ވަޒީރުންނަކީ ފުލުހުންނާ އެހާބޮޑު ގުޅުމެއް އޮވެގެން ވާނެބައެއް ނޫންކަމަށް ވިދާޅުވި.

    10:07

    މުޅި ފުލުހުންގެ މުއައްސަސާއަކީ ނައިބު ރައީސްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ތަނެއްކަން ރައީސް ފާހަގަކުރެއްވި.

    10:07

    ވަޒީރުންނާ ފުލުހުންނާ ދޭތެރޭ ގާތް ގުޅުމެއް ނުބޭއްވުމަށް ސަރުކާރުން ނިންމާފައި ވާނޭ ކަމަށް ރައީސް ވިދާޅުވި.

    10:05

    ރައީސް ޔާމީން ގައުމާ މުޚާތަބުކުރައްވަން ފައްޓަވައިފި.

    10:01

    ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސައުދީ އެރެބިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، މިދިޔަ މަހު 28 ވަނަ ދުވަހު މާލެ ވަޑައިގަންނަވަނިކޮށް، ލޯންޗުކޮޅުގައި އެއްޗެެއް ގޮވި ހާދިސާއާ ތަހުގީގު ކުރުމަށް ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ އެކު ހަތް ބޭފުޅުންގެ އިންކުއަރީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.

    09:57

    ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚާތަބުކުރައްވާނޭ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތުދީފައި.

    00:00

    މިއަދުން ފެށިގެން އެސްއީޒެޑް ކޮމިޓީއާއި އިކޮނޮމިކް ކައުންސިލްގެ ޗެއާ ކަމުން ނައިބު ރައީސް ވަކިކުރައްވައި، އެ ދެ ކައުންސިލް ޗެއާކުރައްވާނީ ސީދާ ރައީސް ކަމަށް ވިދާޅުވި.