25 Oct 2015, 21:45
ތަހުގީގީ ޖަލު، ދޫނިދޫގައި ބަންދުގައި ކުރާ މީހުން ބައިތިއްބަނީ 8 ފޫޓް 8 ފޫޓް ގޮޅީގަ އެވެ. އެ މީހުން ނިދަން ޖެހޭނީ އަށިމަތީގައި ކުނަލެއް އަޅައިގެންނެވެ. ބޯއަޅާލަން ބާލިހެއް ލިބޭނެ އެވެ. ދަތް އުނގުޅަން ބުރުހަކާ އެކު ބޭސްފުޅިއެއް ވެސް ދޭނެ އެވެ. އަދި ފެންވެރުމަށް ސައިބޯނި ބުރިއެއް ދޭނެ އެވެ. ދަގަނޑުން ހަދާފައިވާ ފާހާނައިގެ ކައިރީގައި ހުންނަ އިސްކުރުގެ ދަށުގައި ބާލިދީއަކާއި ޕްލާސްޓިކް ޖޯޑެއް ވެސް ހުންނާނެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ އެފަދަ ގޮޅިއެއްގަ އެވެ. އެ ގޮޅިއަށް އިތުރަށް ވެއްދީ އެމަނިކުފާނު ނިދާލަން ދިން "ގޮދަޑި" އެވެ. އެމަނިކުފާނު ބަންދުކޮށްފައިވާ ގޮޅިއަށް ގޮދަޑިއެއް ވެއްދިކަން ފުލުހުންގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ދޫނިދޫއަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އާންމުން ބައިތިއްބާ، އާންމު ގޮޅިތަކާއި އިސްވެރިން ބައިތިއްބާ ހާއްސަ ގޮޅިތަކެއް ހަދާފައި ހުންނަ ރަށެކެވެ. ނައިބު ރައީސް އަދީބުގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ނައިބު ރައީސް ބަހައްޓާފައި ހުންނަނީ އާންމުން ބައިތިއްބާ ގޮޅިއެއްގައި ކަމަށެވެ.
ރޭގަނޑުވުމުން ބޮކީގެ އަލިވެރިކަން ނޫން އަލިކަމެއް ނެތް، ދުވާލުވުމުން އިރުގެ އަލިކަން ފިޔަވާ އިތުރު ހިތްހަމަޖެހުމެއް ނެތް ގޮޅިތަކުގައި ސިޔާސީ އެތައް ބަޔަކު އެވަނީ ހައްޔަރުކުރެވިފަ އެވެ. އެފަދަ ހާލަތުގައި މުޅިން ވެސް އަޑުއިވެނީ ސިޔާސީ ދައުވާގެ ވާހަކަ އެވެ. ނުހައްގުން ހައްޔަރުކޮށްފައިވާ ވާހަކަ އެވެ. މިފަހަރު ވެސް މިވަނީ އެވާހަކަތަކަށް އިތުރު ބޮޅެއް އިތުރުވެފަ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބް އަބްދުލްގަފޫރަށް އެހާލު ޖެހިވަޑައިގެންނެވި ވާހަކައެވެ.
ރޭގަނޑުގެ ދަންވަގުތުގައި އެއަނދިރިގޮޅީގެ ތެރެއިން ފެންނަ ފަނޑު އަލިން ނައިބު ރައީސްގެ ހިތަށް ލައްކަ އަސަރުކުރާނެކަން ޔަގީނެވެ. އެގޮޅީގައި ބަންދުގެ ވަގުތުތައް އެމަނިކުފާނު ހޭދަކުރައްވާ އިރު އެއީ މީގެ ކުރިން އެމަނިކުފާނުގެ ވާދަވެރިން ވަގުތުތައް ހޭދަކުރެއްވި ގޮޅި އެވެ. ރަނގަޅު އިބުރަތެކެވެ.
އެހެން ކަމަށްވާ ނަމަ ނާއިބު ރައީސް އަހުމަދު އަދީބު ހައްޔަރުގައި އެ އޮންނެވީ އާންމު ބޭފުޅުންނެކޭ ތަފާތެއްނެތި އެފަދަ ގޮޅިއެއްގަ އެވެ. އެއީ ނައިބު ރައީސްގެ ސިޔާސީ ވާދަވެރިން ބަންދުގެ އެތައް ވަގުތެއް ހޭދަކުރައްވާފައިވާ ގޮޅިއެކެވެ.
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވި ގޮތުގައި ނައިބު ރައީސް ހައްޔަރުކޮށްފައި ވަނީ، އޭނާ 20 ދުވަސްވަންދެން ބަންދުކޮށްފައިވާ ގޮޅިއަކަށްވާ އިރު އެގޮޅިއަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން 60 ދުވަސްވަންދެން ބަންދުކޮށްފައި ބެހެއްޓި ގޮޅި ކަމަށެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ ދޫނިދޫއިން ދެވެން ހުރި އެންމެ ރަނގަޅު ހިދުމަތެއް ނައިބު ރައީސްއަށް އިހުތިރާމާއެކު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"ބޭނުންވެގެން އެދިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކޮށްދެވޭތޯ މަސައްކަތް ކުރަމުން މިދަނީ، އެކަންކަން ކޮށްދެމުން ދަނީ." އިސްމާއިލް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިންނެވި ރިޔާސީ ލޯންޗްކޮޅުގައި ބޮމެއްގޮވި މައްސަލާގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އެއޮންނެވީ އާންމުގޮޅިއެއްގަ އެވެ. ނަމަވެސް އާންމުންނާއި އެމަނިކުފާނާ ތަފާތުތަކެއް އެބަވެ އެވެ. އޭގެ ތެރޭގައި އެމަނިކުފާނަށް ނިދިކުރައްވަން ގޮދަޑިދިންކަން ޔަގީންވެ އެވެ.