30 Mar 2011, 17:32
ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު މެންދުރުފަހު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެއަތޮޅު ފީވަކަށާއި، މިލަންދުއަށާއި، ނަރުދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ތިންރަށަށް ކުރައްވާ ދަތުރުފުޅުގައި، މި ތިންރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، މި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކާއި، ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޝްވަރާ ބަދަލު ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތެރެއިން މިލަދޫ އަކީ އޯލެވެލް އިމްތިހާންގައި ހިސާބު ޕޭޕަރުގައި މައްސަލަތަކެއް ހުރެގެން ކެމްބްރިޖް ޔުނިވާސިޓީން އެމައްސަލަ ބެލުމަށްފަހު އެސްކޫލްގެ އެއްވެސް ދަރިވަރަކަށް މާކްސް ނުދިނުމަށް ނިންމާފައިވާ ސްކޫލް ހިމެނޭ ރަށެވެ.