ގދ. ގައްދޫގައި ހުންނަ އައިސް ޕްލާންޓް ހިންގާ ތަނުގެ ތިޖޫރީން 223،000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، ގައްދޫގައި ހުންނަ އައިސް ޕްލާންޓެއްގެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލައެއް މިއަދު ހެނދުނު 9:30 ހާއިރު ގައްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 12:00 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

"އެ ތިޖޫރީން ގެއްލުނު ކަމަށް ބުނާ ފައިސާގެ ތެރެއިން އެއްވެސް ވަރެއް އަދި ނުފެނޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އިތުރަށް ބުނީ، އެމައްސަލަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.