ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބަށް ގާނޫނުގެ ދަށުން ދޭން ޖެހޭ ހުރިހާ ހައްގެއް ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ނައިބު ރައީސް އަދީބު މިއަދު ހައްޔަރު ކުރުމާ ގުޅިގެން ބޭރު ގައުމަތަކާ ފޮރިން މިނިސްޓްރީ އިން ހިއްސާކުރެއްވި މައުލޫމަތުތަކުގެ ތެރޭގައި ވިދާޅުވެފައި ވަނީ ނައިބު ރައީސް އަދީބު ހައްޔަރު ކުރެވުނީ ރައީސް ޔާމީންގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ކަމަށެވެ.

ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ރާއްޖޭން ބޭރާއި ރާއްޖޭގެ ތަހުގީގު ޓީމުތަކުން މައްސަލަ ތަހުގީގުކުރަމުންދާކަން ފާހަގަކުރައްވައި ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ މައްސަލައަކީ ސީރިއަސް މައްސަލައަކަށް ވާތީ ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

"ނައިބު ރައީސަށް ދިފާއުވުމަށް ދޭންޖެހޭ ހުރިހާ ހައްގެއް ގާނޫނުގެ ދަށުން ސަރުކާރުން ދޭނަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރާ ސަރުކާރުގެ ކޮންމެ އިސް އޮފިޝަލަކީ މައްސަލައިގައި ހިމެނޭ މީހަކަށް ނުވެދާނެ ކަމަށާއި އެހެންކަމުން މައްސަލައިގެ ތަހުގީގަކީ ދެފުށްފެންނަ ހާމަކަން ބޮޑު ތަހުގީގަކަށް ވާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަރުވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމުގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް ސަރުކާރު އޮއްނާނީ އަބަދު ވެސް ހޭލައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައި ވަނީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާ ވަޑައިގެންތަނުންނެވެ.

ފުލުހުން ބުނެފައި ވަނީ ނައިބު ރައީސް އަދީބު ހައްޔަރުކުރީ ރައީސްގެ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ކަމަށެެވެ.