ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ހުންނެވީ އެމަނިކުފާނުގެ ކުށެއް ނެތްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށް ނައިބު ރައީސްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މޫކައި ސުއިޓުގައި މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމީމް ވިދާޅުވީ އަދީބު ހައްޔަރުކުރަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ރިޔާސީ ބާރުގަދަ ބޮމެއް ގޮވުމުގެ ހާދިސާގައި އެމަނިކުފާނުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެހެންނަމަވެސް ނައިބު ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނަކީ އެއްވެސް ކުށެއް ކުރި ބޭފުޅެއް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ނައިބު ރައީސް ހުންނެވީ މިކަމާ ކުރިމަތިލައްވައި އެމަނިކުފާނުގެ ކުށެއް ނެތްކަން ސާފުކޮށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޓަކައި ކުރަންޖެހުނު ކޮންމެއް ވެސް ކުރައްވަން ތައްޔާރަށް. އެމަނިކުފާނުގެ ގެ ވެސް ބަލައި ފާސްކުރަންވީ. ތަކެތި ވެސް ބަލައިފާސްކުރަންވީ. އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތް. އެއްވެސް ކަހަލަ ހުރަހެއް އެކަމަށް ނާޅުއްވާނެ ކަމަށް، އެމަނިކުފާނު އެކަމުގެ ޔަގީންކަން އެބަދެއްވާ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އަދީބު އެފަދަ ކަމެއް ކުރެއްވި ނަމަ ރާއްޖޭގެ އިގްތިދޯސާ ގުޅުން ހުރި ކަމެއްގައި ރާއްޖެ ތަމްސީލު ކުރައްވައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ސަރުކާރުން އެމަނިކުފާނު ރާއްޖެ އިން ބޭރަށް ނުފޮނުވާނެ ކަމަށެވެ.

އަދީބު ހައްޔަރުކޮށްފައި ވަނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެފަދަ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ހައްޔަރު ކުރުމަކީ ގާނޫނީގޮތުން އެހާ ހަމަޖެހޭ ކަމަކަށް ނުވެދާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

"އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އިތުރު އެއްވެސް ގަރީނާއެއް އިތުރު ހެއްކެއް އެއްވެސް ވަރަކަށް ހުރި ކަމަކަށް މިހާތަނަށް އަޅުގަނޑުމެންނަށް އެނގޭކަށް ނެތް. އެފަދަ ވާހަކައެއް ފުލުހުން ވިދާޅުވެފައެއް،" ޝަމީމް ވިދާޅުވި އެވެ.

އަދީބާ ގުޅުންހުރި ތަންތަން ފުލުހުން ބަލައި ފާސްކުރަމުން އަންނައިރު އެކަމާ ގުޅޭ ގޮތުން އެމަނިކުފާނު ހުންނެވީ ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ސިންގަޕޫރުގައި ހުންނެވި އިރު އެނބުރި ވަޑައިނުގަތުމަށް އަދީބަށް ބިރުދެއްކުމުގެ ހަރަކާތްތައް ބައެއް ފަރާތްތަކުން ކުރެއްވި ކަމަށެވެ.

"ނައިބު ރައީސް ވިދާޅުވަނީ މިކަމާ ބެހޭ ގޮތުން ސިންގަޕޫރުގައި ހުންނަވަނިކޮށް އެނބުރި ވަޑައިނުގެންނެވުމަށް ބައެއްކަހަލަ ބިރުދެއްކުމުގެ ހަރަކާތްތައް ބައެއް ފަރާތްތަކުން ކުރެއްވި ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ބިރުދެއްކީ ކޮންބައެއްތޯ ދެންނެވުމުން ޝަމީމް ވިދާޅުވީ މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން އިސްބޭފުޅުންތަކެއް ފޮނުވައިގެން އަދީބަށް ސީރިއަސް އިންޒާރުތަކެއް ދިނީ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ ހަމަ ސަރުކާރުން ފޮނުވައިގެން ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކު ނުވަތަ ބޭފުޅުން ކޮޅެއް އެކަހަލަ ބައެއް އިންޒާރުތައް ދެއްވައި މިޒާތުގެ ބައެއް ވާހަކަތައް ދެއްކެވި ކަމަށް. އެއީ ސަމާސާ ވާހަކަތަކެއް ނޫން. ސީރިއަސް އިންޒާރުތަކެއް ދެއްކެވި ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

އެހެންނަމަވެސް ދިނީ ކޮންކަހަލަ އިންޒާރުތަކެއް ކަމާއި އެކަމުގެ ތަފްސީލީ މައުލޫމާތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޒާރުދިން މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނަންތޯ ދެންނެވުމުން ޝަމީމް ވިދާޅުވީ އެހިސާބަށް ދިޔައިމާ އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

މިހާތަނަށް އަަމަލުކުރަމުން އައިގޮތަށް ބަލާއިރު ދައުލަތުގެ އިސް ބޭފުޅުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފި ނަމަ ދޫނިދޫގައި ބައިތިއްބަނީ ފެންވަރު ރަނގަޅު ތަންތަނުގައި ކަމަށާއި ނަމަވެސް އަދީބު ދޫނިދޫގައި ބަހައްޓާފައި ވަނީ އާދައިގެ ގޮޅިއެއްގައި ކަމަށް ޝަމީމް ވިދާޅުވި އެވެ.