24 Oct 2015, 20:35
މިރޭ ބާއަވަން ހަމަޖެހިފައިއޮތް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ކެންސަލް ކޮށްފިއެވެ.
އެމްޓީޑީސީ އެކްޓިން މެނޭޖިން ޑިރެކްޓާ އަހުމަދު ނިޔާޒު މިރޭ ވިދާޅުވީ އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވަން ކުރިން ނިންމި އަހަލީ އާންމު ޖަލްސާ ކެންސަލް ކުރީ އެޑްމިނިސްޓްރޭޓިވް ސަބަބަކާހުރެ ކަމަށެވެ. އެ ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ޕަބްލިކް ލިމިޓެޑް ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވަނީ ހަމައެކަނި އެމްޓީޑީސީންނެވެ. 'ސަން' އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ އޭޖީއެމް ބޭއްވުން ލަސްވީ ސަރުކާރުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ ބޭފުޅުން އައްޔަށް ކުރުން ލަސްވެގެންނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ ބޭފުޅުން ކަނޑައަޅާފައެވެ.
އެމްޓީޑީސީ އަށް 2014 ވަނަ އަހަރު ސާފު ފައިދާ އަށް 13.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.