24 Oct 2015, 20:19
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާދަމާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވާނީ މާދަމާ ހެނދުނު ކަމަށެވެ. ނަމަވެސް އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ މާދަމާ ހެނދުނު ކޮން ވަގުތެއްގައި ކަމަށް މުއާޒު ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް ޔާމީން މާދަމާ ގައުމާ މުހާތަބު ކުރައްވާއިރު، އެމަނިކުފާނުގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު ވަނީ ހައްޔަރުކޮށްފަ އެވެ.
ރިޔާސީ ލޯންޗުކޮޅުގެ ތަހުގީގަށް އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ޗައިނާއަށް ކުރެއްވި 11 ދުވަހުގެ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވިތަނުން ހުޅުލެއިންނެވެ.
ރައީސް ޔާމީން މާދަމާ ގައުމާ މުހާތަބު ކުރައްވާއިރު، މިއީ ރިޔާސީ ދައުރުގެ ތެރޭގައި އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރައީސް ޔާމީން ގައުމާ މުހާތަބު ކުރެއްވީ މާލެއަށް ދިމާވި ފެނުގެ ހާދިސާއާ ގުޅިގެންނެވެ.