ކޯލިޝަންގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ގާނޫނީ ތަރަހައިގެ ތެރެއިން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލާޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު މިއަދު ހައްޔަރު ކުރުމާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރާ އެކު ވެރިކަން ދެމެހެއްޓުމަށް ޓަކައި އެ ޕާޓީން މަސައްކަތް ކުރާ އިރު ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި އާންމުންގެ ފަރާތުން ވެސް އެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އެ ޕާޓީން ބުނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު އެއްވެސް އެހީތެރި ކަމެއް ބޭނުންފުޅުވެވަޑައިގަންނަވާ ހިނދެއްގައި ހުރިހާ ގޮތަކުން ވެސް އެ ޕާޓީ އިން އެ އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށާއި އެހެން ފަރާތްތަކުގެ ކިބައިން ވެސް އެ އެއްބާރުލުން ދިނުމަށް އެމްޑީއޭ އިން އިލްތިމާސް ކުރާ ކަމަށެވެ.

އަދި މި ދަނޑިވަޅުގައި ރައީސް ޔާމިނަށް ހީތެރިވުމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ސާބިތު ކަންމަތީ ދެމި ހުންނަވާނެ ކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނައިބު ރައީސް މިއަދު ހައްޔަރުކޮށްފައި ވަނީ، މިއަދު ހެނދުނު އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އިން ވަޑައިގެންނެވި ވަގުތުގަ އެވެ. ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި އަދީބު ހައްޔަރު ކުރައްވާފައިވާ އިރު އެމަނިކުފާނު ވަނީ ދޫނިދޫ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފަ އެވެ.