Last Updated: 1 decade 4 week ago

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ކޯޓުއަމުރެއްގެ ދަށުން ނައިބު ރައީސް އަހްމަދު އަދީބު މިއަދު ހައްޔަރުކޮށްފައި ވާއިރު، ކޯޓު އަމުރުގެ ދަށުން މާލޭގެ ދެ ގެއެއް ބަލައި ފާސްކުރަމުން ދާ ކަމަށް ފުލުހުން ބުވެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން މ. ސެސްނާ ކިޔާގެއާއި މއ. ޒުއްރިޔާނުމާގެ ބަލައި ފާސްކުރަމުން ދާ ކަމަށެވެ.

އަދީބުގެ އޮފީހެއް ހުންނަ މ. ސެސްނާ ބަލައިފާސްކުރުމަށް މިއަދު އެ އެގެއަށް ފުލުހުންނާއެކު ސިފައިން ވަދެފައި ވަނީ ހަތިޔާރާއެކު ތައްޔާރީ ހާލަތުގަ އެވެ.

ސެސްނާގެ ހުންނަ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ އަހްމަދު ސާއިލް ބުނީ، "ސެސްނާ ފާސްކުރުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވެސް ހަރަކާތްތެރިވަމުން އެބަދޭ،" ކަމަށެވެ.


ޒުއްރިޔާނުމާގެ ބަލައި ފާސްކުރުމަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، އާންމުންގެ ގިނަ ބަޔަކުވެސް ވަނީ އެ ސަރަހައްދަށް އެއްވެފައި -- ސަން ފޮޓޯ: ފާތިމަތު ސައީދު
މީގެ އިތުރުން ގ. އޮއިވާލި ހިމެނޭ ސަރަހައްދު ބަންދުކޮށްގެން އެ ގޭ ކައިރީގައި ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުން ނެވެ. އެހެން ނަމަވެސް އެގެބަލައި ފާސް ނުކުރާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގ. އޮއިވާލި އަކީ، ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮން ފަރާތެއް ކަމަށްވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އަދި މިހާރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު، މުހައްމަދު ހުސައިން (އޮއިއްޓޭ) ދިރިއުޅުއްވާ ގެއެވެ.
ފުލުހުން ގ. އޮއިވާލި ބަލައި ފާސް ކުރާކަމުގެ މައުލޫމާތު ދީފައި ނުވި ނަމަވެސް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަންގެ ނޫސްވެރިޔާ އާދަމް ނަޒީރު ބުނީ، "ފުލުހުން ދާދި ދެންމެ އެދިޔައީ އެގެއިން ހަތަރު ވަރަކަށް ކޮތަޅުގެ އެއްޗެހި ހިފައިގެން،" ކަމަށެވެ.
އެސަރަހައްދުން މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ވެސް ނަޒީރު ބުންޏެވެ.

ގ. އޮއިވާލި ކުރިމަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނައިބު ރައީސް އަހުމަދު އަދީބު މިއަދު ރާއްޖެ ވަޑައިގެން މަތިންދާ ބޯޓުން ފައިބައިވަޑައިގަތުމާ އެކު ސަލާމަތީ ބާރުތަކުން ވަނީ އެމަނިކުފާނު ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފަ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ނައިބު ރައީސް އަދީބު ހައްޔަރުކޮށްފައި ވަނީ އެންމެ ބޮޑު ހިޔާނާތުގެ ތުހުމަތުގައި ކަމަށެވެ.
ސަލާމަތީ ބާރުތަކުން އަމަން އަމާންކަން ބެލެހެއްޓުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާއިރު، މާލޭގެ އަމަން އަމާންކަން ނާގާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މ. ހިރިނައިދޫ ބަލައި ފާސްކޮށް ނިންމައިފި. އެ ގެއިން ނެރުނީ ޗެކްފޮތްތަކެއް. އަދި ކަރުދާސް ދެ ކޮތަޅުގައި އެއްޗެއްހިތަކެއް ބަންދުކޮށްގެން ގެންދިޔަ. ފުލުހުންނާއި ސިފައިން ވަނި އެ ސަރަހައްދު ދޫކޮށް ގޮސްފައި
މ. ސެސްނާ ގެއިން ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ވެހިކަލަކަށް ބަރުކޮށްގެން ގޮސްފި. ނަމަވެސް އަދިވެސް އެ ސަރަހައްދު ވަނީ ބަންދުކޮށްފައި
ރެހެންދި ފުލެޓް 2 ބަލައި ފާސްކޮށް، މީހަކު ހައްޔަރުކޮށްފި. އެތަނުން ބައެއް ތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ.
ސިފައިންނާއި ފުލުހުން އެފްއޭއެމަށް ވަދެއްޖެ. އެފްއޭއެމް ބަލައި ފާސްކުރަމުންދާއިރު އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށް، ފޯރިމަރަން ފަށާފައި.


މިފްކޯ ގޯތިތެރޭގައި ހުންނަ އަދީބުގެ ވެހިކަލް ގަރާޖުން މީހަކު ހައްޔަރުކޮށްފި. އެތަނުން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ.



ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބު ހުންނެވީ، ވީއައިޕީ ފެންވަރުގެ ތަނެއްގައި ނޫން ކަމަށާއި އާދައިގެ ކުށްވެރިން ބައްދަލުކޮށްފައި ހުންނަތަނުގައި ކަމަށް ޝަމީމް ވިދާޅުވި. ދައުލަތުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ނައިބު ރައީސް އެފަދަ ތަނެއްގައި ބެހެއްޓެންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝަމީން ވިދާޅުވި. އަދި ވިދާޅުވީ ތަފާތު ކުރުންތައް ގެންގުޅެގެން ނުވާނެ ކަމަށް.
ޝަމީމް ވިދާޅުވީ ނައިބު ރައީސް ހުންނެވީ މިކަމާ ކުރިމަތިލައްވައި ކުށެއް ނެތް ކަން ސާބިތު ކުރަން ތައްޔާރަށް ކަމަށް.
އެ މަނިކުފާނު ގެކޮޅު ވެސް ބަލައި ފާސްކުރަންވީ ތަކެތި ވެސް ބަލައި ފާސްކުރަންވީ. މިހާރު ވެސް އެމަނިކުފާނު ހުންނެވީ ގައުމަށް ހިދުމަތް ކުރެއްވުމަށް ތައްޔާރަށް. ތަހުގީގު ރަނގަޅަށް ގެންދެވުމުން މިކަމުގައި އެމަނިކުފާނުގެ ކުށެއް ނެތް ކަން ސާބިތުވެގެންދާނެ ކަމަށް ވިދާޅުވި.
ނައިބު ރައީސް ގަބޫލު ކުރައްވަނީ މިހާ ނުރައްކާތެރި ކަމެއްގައި އެމަނިކުފާނު ހައްޔަރު ކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް. އެހާ ނުރައްކާތެރި ބޭފުޅެއްނަމަ ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްގައި ނުފޮނުއްވާނެ ކަމަށް. އެމަނިކުފާނު އެދިވަޑައިގަންނަވަނީ މިކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނަހައްދަވައި، ސިޔާސީ މީހުންގެ ފަހަތުން ދުވެ ނުހެއްދެވުމަށް.
ނައިބު ރައީސް އަހުމަދު އަދީބުގެ ލޯޔަރު ޝަމީމު ނޫސްވެރިންނަށް މައުލުމާތު ދެއްވަނީ.
މިއަދު ހަވީރު ނައިބު ރައީސްއާ ބައްދަލުކޮށް ވާހަކަ ދެއްކިން. ނައިބު ރައީސް ހައްޔަރު ކުރެއްވީ 11:52 އެހާކަންހާއިރު ކަމަށް ލިޔުންތަކުން ފެންނަނީ.

މއ. ޒުއްރިޔާނުމާގެ ބަލައި ފާސްކޮށް، ދަބަހަކާއި ފޮށިގަނޑަކާއެކު ފަސް ކޮޅަތު ފުލުހުން ގެންގޮސްފި. އެ ގެއިން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ.

ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ދިރިއުޅޭ ގ. އޮއިވާލި ބަލައި ފާސްކޮށް މީހަކު ހައްޔަރު ކުރި ވަގުތު ހަމަނުޖެހުމެއް ހިނގި.
ހައްޔަރު ކުރި މީހާ ފުލުހުންގެ ވެހިކަލަށް އަރުވާފައި ވަނިކޮށް، ވެހިކަލް ކައިރިއަށް ބަޔަކު ގޮސް އޭނާ ދޫކޮށްލުމަށް އެދުނު. އެ ވަގުތު ފުލުހުންނާއި އެ މީހުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދު ކުރި.

ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އަނބިކަނބަލަކު ދިރިއުޅުއްވާ ގ. ހުމަށި ބަލައިފާސްކޮށްފި. އެ ގެއަށް ވަތް ފުލުހުން މިހާރު ވަނީ ނުކުމެފައި. ކުޑަ ފޮއްޓަކަށް ލައިގެން ބައެއް ތަކެތި ފުލުހުން ގެންދިޔަ.
ޗައިނާއަށް ވަޑައިގަތުމުގެ ކުރިން އަދީބު ދިރިއުޅުއްވީ އެގޭގެ އެޕާޓްމަންޓެއްގައި.












