30 Mar 2011, 17:19
ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް ފުލުހުން މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝެންގައި ގިނަ އަދަދަކަށް ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކުގެ މައުލޫމާތުތައް ގާނޫނުގައިވާ ގޮތުގެ މަތިން ފުލުހުންނާ ހިއްސާކުރުމަށް ރާއްޖޭގައި ހުރި ބޭންކުތަކުގެ ކިބައިން ފުލުހުން މިއަދު އެދެފި އެވެ.
ޝަހީދު ހުސެން އާދަމް ބިލްޑިންގުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސްޕްރިޓެންޓެންޑް އޮފް ޕޮލިސް މުހަންމަދު ޖިނާހު މިއަދު ވިދާޅުވީ އިއްޔެ އިން ފެށިގެން ޑޮލަރުގެ ކަޅު ބާޒާރާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި ރާއްޖޭގައި ހުރި ބައެއް ބޭންކްތަކުގެ އޮފިޝަލުންނާ ބައްދަލުކޮށް ޑޮލަރުގެ މުއާމަލާތްތައް ކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އެގޮތުން ގިނަ އަދަދަކަށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ފަރާތްތަކާ އަދި ކުރާ ފަރާތްތަކުގެ މައުލޫމާތު ގާނޫނުގައިވާ ގޮތުގެ މަތިން ފުލުހުންނާ ހިއްސާ ކުރުމަށް ބޭންކުތަކުގެ ކިބައިން އެދުނު ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު ބޭންކްތަކާ ބައްދަލުކޮށްފައި އެދުނިން ގިނަ އަދަދަކަށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ އަދި ކުރާ ފަރާތްތަކުގެ މައުލޫމާތު އަޅުގަނޑުމެންނާ ހިއްސާ ކުރުމަށް. އަދި ބޭންކުގައި ޑޮލަރު ހުންނަ ފަރާތްތައް ޑޮލަރު ވިއްކުމާއި ދޫކުރުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރިން،" ބޭންކުތަކާ އެކު ފުލުހުން ބޭއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ޖިނާހު ވިދާޅުވި އެވެ.
ރާއްޖޭގެ ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ފުލުހުންގެ އޮޕަރޭޝަނަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި އޮޕަރޭޝަން ކުރިއަށް ދަނީ އެމްއެމްއާ ވެސް މަޝްވަރާ ކޮށްގެން ކަމަށެވެ.
"އެބޭފުޅުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ އަޅުގަނޑުމެންގެ މި އޮޕަރޭޝަނަށް. އަޅުގަނޑުމެން ގަވާނާ އާ ވެސް ބައްދަލުކޮށް މަޝްވަރާ ކުރިން،" ޖިނާހު ވިދާޅުވި އެވެ.
ކޮންމެ ޑޮލަރެއް ފަހަތުން ފުލުހުން ދުއްވައި ބޭރު ފައިސާ ރާއްޖޭގައި ބަހައްޓަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ފުލުހުން ފެށި ހާއްސަ އޮޕަރޭޝަންގައި ފުލުހުން އަންނަނީ ނުއަގުގައި ޑޮލަރު ވިއްކާ ކަމަށް ޝައްކު ކުރެވޭ ތަންތަނާއި މީހުން، ބަލައި ފާސްކުރަމުންނެވެ. އެގޮތުން ފުލުހުން ވަނީ ނުއަގުގައި ޑޮލަރު ވިއްކަމުން ދިޔަ މީހަކު "ރެޑް ހޭންޑް" ކޮށް އިއްޔެ އަތުލައިގެންފަ އެވެ.
ފުލުހުން ބުނީ އެ އިދާރާ ދެމިއޮތްހާ ހިނދަކު ޑޮލަރުގެ ކަޅު ބާޒާރާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަން ހުއްޓާ ނުލާނެ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ދަށުން ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ތަހުގީގުކުރިއަށްދާ ވަރަކުން ހާމަކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މި އިދާރާ ދެމިއޮތްހާ ހިނދަކު އަޅުގަނޑުމެންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ދެމި ތިބޭނަން،" ފުލުހުން ބުންޏެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދި ޑޮލަރުގެ އަގު ވަނީ 13ރ. އާއި 14ރ. އަދި 15ރ. އަށް މައްޗަށް އުފުލިފަ އެވެ.