24 Oct 2015, 22:07
ހުކުރު ދުވަހުގެ ރޭ އަރަބި ކޯލިޝަން އިން ޔަމަނުގެ ދެ ރަށަކަށް ދިން ހަމަލާގައި ޔަމަނުގެ 40 މީހަކު މަރުވެއްޖެ އެވެ. މީގެ ތެރޭގައި ގިނައީ މަސްވެރިންނެވެ.
ހޫޘީން ޔަމަނުގެ ރައީސް އަބްދުއް ރައްބު މަންސޫރުގެ ސަރުކާރު ވައްޓާލައި ވެރިކަމަށް އެރުމަށް ފަހު މި އަހަރުގެ މާޗު މަހުން ފެށިގެން ސައުދީއަރަބިއާ އާއި އެހެން ބައެއް އަރަބި ގައުމުތަކުން ގުޅިގެން ދަނީ ކުރީގެ ސަރުކާރު އަނެއްކާ ވެސް ވެރިކަމަށް ގެނައުމަށް ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ހޫޘީންނަށް އެއްބާރުލުންދޭ އެއް ފަރާތަކީ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހެވެ.
ސައުދީން ކުރީ އޮވެ، މަސައްކަތްކުރާ އަރަބި ކޯލިޝަން އިން މިހާރު ވަނީ ޔަމަނުގެ ދެކުނުގެ ބޮޑުބައެއް ހިފައިފަ އެވެ. އަދި ހާދީގެ ސަރުކާރު މިހާރު ވަނީ ޔަމަނުގެ ދެކުނު ޕޯޓު އޭޑެންގައި ހަދައިފަ އެވެ. ވައިގެ ހަމަލާތައް ހޫޘީންނަށް ކޮންމެ ދުވަހަކު ދެމުން ދިޔަ ކަމުގައި ވިޔަސް ގައުމުގެ ބޮޑު ބައެއް އަދި ވެސް އޮތީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.
ރޮއިޓާސް އަށް މައުލޫމާތު ދެމުން ރަށުގެ މަސްވެރިން ބުނި ގޮތުގައި ކޯލިޝަނަށް ނިސްބަތްވާ ހެލިކަޕްޓަރާއި މަނަވަރުތައް ހުކުރު ދުވަހުގެ ރޭ ހޫޘީންނާއި ސާލިހަށް ތާއިދު ކުރާ މީހުން ތިބި އަގްބަން އާއި ކަޑްމަންގެ ރަށްތަކަށް އަމާޒުކޮށް ހަމަލާދިނެވެ. މި ހަމަލާތަކުގައި އެ ރަށްތަކުގެ މަސްބޯޓުތައް ހަލާކުވެ، އެތައް މަސްވެރިންނެއް ވަނީ މަރުވެފަ އެވެ.
އަރަބި ކޯލިޝަންގެ ބަހެއް މިކަމާ ބެހޭ ގޮތުން ވަނީ ލިބޭ ގޮތެއް ނުވެފަ އެވެ.
ޔަމަންގެ އުތުރު ޕްރޮވިންސްގެ ހައްޖާއަށް ނިސްބަތްވާ ރައްޔިތަކު ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ކޯލިޝަންގެ މަތިންދާ ބޯޓުތަކުން ވަނީ ޕޯޓް އޮފް މިޑީ ކައިރީގައި އޮންނަ ކުޑަ ރަށަކަށް ހަމަލާދީފަ އެވެ. މި ހަމަލާގައި 10 މީހުން ވަނީ މަރުވެފަ އެވެ.
މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން އަރަބް ކޯލިޝްނަގެ ވައިގެ ހަމަލާތަކުގެ ސަބަބުން އާއްމުންނަށް ވަނީ ގެއްލުން ލިބިފަ އެވެ. އެގޮތުން ސެޕްޓެމްބަރު 8ގައި އޮތް ކައިވެނި ހަފްލާއަކަށް ހަމަލާއެއް އަމާޒުވުމުގެ ސަބަބުން 131 މީހުން ވަނީ މަރުވެފަ އެވެ.
މާޗްގައި ހަނގުރާމަ ފެށުނު ފަހުން މަދުވެގެން 5400 މީހުން ވަނީ މަރުވެފަ އެވެ.
މައުލޫމާތު: ރޮއިޓާސް