24 Oct 2015, 16:27
ރާއްޖޭގެ ދެކުނުގެ ބައެެއް ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި ގދ. ފިޔޯރީގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެ އެކި ކަހަލަ ގެއްލުން ވެއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އެ ރަށަށް ހުއްޓުމެއް ނެތި ދެ ދުވަހު ވާރޭ ވެހިފައިވާއިރު ވިއްސާރަ ހުއްޓާފައިވަނީ އިއްޔެ ހަވީރު ކަމަށެވެ. ނަމަވެސް ރޭ އަނެއްކާ ވާރޭ ވެހެންފެށި ގޮތަށް އަދިވެސް ނުހުއްޓާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިން ވަރަކަށް ދުވަސް ވެއްޖެ ރަށަށް ބޯކޮށް ވާރެ ވެހޭތާ. ކުޑަކޮށްވެސް މަޑުކޮށްފައިވަނީ އިއްޔެ ހަވީރު. ދެން އަނެއްކާ ރޭގައި ވެހެން ފެށިގޮތަށް އަދިވެސް ނުހުއްޓާ،" އޭނާ ވިދާޅުވިއެވެ.

ގދ. ފިޔޯރީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށުގައި ފެން ހެދިފައި--- ފޮޓޯ: މުހައްމަދު އަހުމަދު
ޝަރީފު ވިދާޅުވީ، ރަށުގައި ފެންބޮޑު ވަނީ ރަށުގައި އޮންނަ އޮޅުއަލަ ދަނޑުގައި ފެން ހެދިގެން ފެން އަންނަ ސަރަހައްދުތަކަށް ކަމަށެވެ. ގެތަކަށް ފެން ވަންނަނީ އެ ސަރަހައްދުތަކުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ތިން ދުވަހު ކުރިން ވެހެން ފެށި ވާރޭގައި ކުރިން ރޭ ވަނީ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައި. އެގޮތުން ރަށުގައި ފެން ބޮޑުވެގެން 40 އެއްހާ ގެއަށް ވަނީ ފެން ވަދެފައި،" އޭނާ ވިދާޅުވިއެވެ.
އެގޮތުން ފެން ބޮޑުވުމާ ގުޅިގެން ގެތަކަށް ފެން ވަދެ ގޭތެރޭގައި ހުރި ބައެއް މުދާތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު ގެއްލުން ލިބިފައިވަނީ ތަޅުންގަޑުގައި ހުރިތަކެއްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގދ. ފިޔޯރީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށުގައި ފެން ހެދިފައި--- ފޮޓޯ: މުހައްމަދު އަހުމަދު
ރަށުގައި ބޮޑަށް ފެން ހެދޭ ސަރަހައްދުތަކުގައި މިހާރު ވަނީ ކޯރު ކޮނެ އަތިރިއާ ދިމާލަށް ފެން ދާ ގޮތް ހަދާފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވެފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރަށުގައި ފެން ބޮޑުވެފައި އޮތުމުގެ ސަބަބުން ރަށުގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.