ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ސަރުކާރާއި އެކު ސާބިތުވެ ތިބުމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެ ޕާޓީގެ މެމްބަރުންނަށް ގޮވާލައިފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ " ޕާޓީގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަކީ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވާޖިބެއް" ކަމަށެވެ.

"...ޕާޓީގެ އެންމެހާ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރާއި އެކު ސާބިތުވެ ތިއްބެވުމަށް އިލްތިމާސްކޮށް، ސަރުކާރުގެ ފަރާތުން އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި އެދިވަޑައިގަންނަވާ އެއްބާރުލެއްވުން ގާނޫނީ އިމުގެ ތެރެއިން ދެއްވައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ އެއްވެސް ގުނަވަނަކުން ދެއްވަން އެދިވަޑައިގަންނަވާ އެއްބާރުލުމާ އެހީތެރިކަން ދިނުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިއާގެ ބެންގަލޫރަށް މިއަދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ލަސްކުރައްވާފައިވާ ކަމަށެވެ.

ޕީޕީއެމުން އެފަދަ ބަޔާނެއް ނެރެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތަށް ނައިބު ރައީސް އަޙުމަދު އަދީބު މިއަދު ހައްޔަރުކޮށްފައި ވަނިކޮށެވެ.