24 Oct 2015, 13:55
އަމަން އަމާންކަން ގެއްލޭކަމަކަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއްގޮވި މައްސަލައިގެ ތުހުމަތުގައި ނައިބު ރައީސް އަހުމަދު އަދީބް މިއަދު ހައްޔަރުކޮށްފައިވާކަން ހާމަކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސްޕޯކްސްޕާސަން އެސިސްޓެންޓް ކޮމިޝަނާ ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، މަގުތަކުގައި ހަމަނުޖެހުން ހިންގަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި މާލޭގެ މަގުތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދެއްވުމަށް ނަވާޒު އެދިވަޑައިގެންނެވިއެވެ.
"މާލޭގެ މަގުތައް މަތީގައި ހަމަނުޖެހުން ނުހިންގުމަށާއި އެޒާތުގެ އެއްވެސް ކަމެއް ހިނގާނަމަ ފުލުހުން އެކަމަށްވެސް ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަވެސް މިފުރުސަތުގައި ދައްނަވާލަން،" ނަވާޒު ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިން މިހާރު ދަނީ މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. މަގުތަކަށް އެއްވެއުޅުނު މީހުންގެ ތެރޭން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.
ނައިބު ރައީސްގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނަވާޒު ވިދާޅުވީ، ނައިބު ރައީސް އަދީބު ހައްޔަރު ކުރީ ލޯންޗުކޮޅު ތަހުގީގާ ގުޅޭ ގޮތުން ކަމަށާއި ތަހުގީގް ކުރަމުންދާ މައްސަލައަކަށްވުމުން އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.
ނައިބު ރައީސް ހައްޔަރު ކުރީ ކޮން ހެކިތަކެއްގެ މައްޗަށްތޯ ނޫސްވެރިން ސުވާލު ކުރުމުން ނަވާޒު ވިދާޅުވީ، ހެކިތަކަކީ ކޯޓުތަކަށް ހުށަހަޅަންޖެހޭ ކަމެއް ކަމަށާއި، އެފަދަ މައުލުމާތުތައް އާންމުކޮށް ހުޅުވާލައިފިނަމަ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށެވެ.