ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ޒިޔަތުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވަނީ މިއަދު 12:50 އެހާކަންހާއިރު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލއަކާ ގުޅިގެން ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮންމައްސަލައެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. އެ މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެ މައްސަލައިގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓުއަމުރުގެ ދަށުން ފުލުހުން ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފާސްކޮށްފަ އެވެ. އެގޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރުމަށް ފަހު އެތަނުން ބައެއް ތަކެތި ކޮތަޅުތަކަށް އަޅައިގެން ފުލުހުން ވަނީ ގެންގޮސްފަ އެވެ.

އެމްއެމްޕީއާރްސީގެ އޮފީސް ވެސް މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ފާސްކޮށް ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ. ނަމަވެސް އެތަނުން ވެސް ގެންދިޔައީ ކޯއްޗެއްކަމެއް ނޭނގެ އެވެ.

ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.