24 Oct 2015, 14:02
ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާގެ ސަރުކާރަށް ފާޑުކިއި، އެ ގައުމުގެ ކާޓޫނިސްޓަކު ގެއްލުނު މައްސަލައާ ގުޅިގެން ސްރީލަންކާގެ ސިފައިން ހިމެނޭ ގޮތަށް 11 މީހަކު ހައްރުކޮށްފި އެވެ.
ރޮއިޓާސް އިން އިއްޔެ ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސިފައިންނާއި ކުރީގެ ސިފައިންނާއި މިލިޓަރީ އަށް މައުލޫމާތު ދޭން ކަނޑައަޅާފައި ތިބި ބައެއް ކަމަށެވެ.
މަހިންދަ ރާޖަޕަކްސަ އަށް ގިނައިން ފާޑުކިޔާފައިވާ ޕްރަގީތް އެކްނަލިގޮޑާ، ގެއްލިފައި ވަނީ ކޮލަމްބޯ ސަރަހައްދުން މީގެ ފަސް އަހަރު ކުރިންނެވެ. އެކްނަލިގޮޑާގެ އަންހެނުންނާއި އާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެކްނަލިގޮޑާ ނަގާފައި ވަނީ ސަރުކާރުގެ އޭޖެންޓުންނެވެ.
ޖެނުއަރީ 2010ގައި އޭނާ ގެއްލުނު އިރު އެކްނަލިގޮޑާ މަސައްކަތް ކުރަމުން ދިޔައީ ސްރީލަންކާ މިލިޓަރީ އާއި ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމްއާ ދެކޮޅަށް ބޭނުން ކުރި ކަމަށް ތުހުމަތުކުރާ ކްލަސްޓާ ބޮމްތަކާ ބެހޭ ވާހަކައެއް ލިޔަމުން ކަމަށް، އޭނާއާ އެކު މަސައްކަތް ކުރި މީހަކު ބުންޏެވެ. ނަމަވެސް ސްރީލަންކާގެ މިލިޓަރީ އިން ވަނީ އެ ތުހުމަތު ދޮގު ކޮށްފަ އެވެ.
މިހާރުގެ ރައީސް މާތިރިޕިއްލަ ސިރިސޭނާ ވިދާޅުވެފައި ވަނީ ކުރީގެ ވެރިކަމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރި ވެރިންނަށް އެކަށީގެންވާ އަދަބު ދޭނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ މީހަކު ހައްޔަރު ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު ކަމަށް ފުލުހަކު ބުންޏެވެ.
ލަންކާގެ އާމީގެ ސްޕޯކްސް ޕާސަން ޖާޔަނަތް ޖަޔަވީރާ ބުނެފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ފުލުހުންނެވެ. ދެން ތިބީ ކުރީގެ ފުލުހުންނާއި މިލިޓަރީ އަށް މައުލޫމާތުދޭ މީހުންނެވެ.
"ތަހުގީގުތަކުން އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މި 11 މީހުން ވަނީ ޕްރަގީތް ކޭމްޕަކަށް ގެންގޮސްފައި. ހައްޔަރު ކުރި މީހުން ވަނީ އެ ކޭމްޕަށް ގެންގޮސް ސުވާލު ކޮށްފައި،" ޕޮލިސް ސްޕޯކްސްޕާސަން ރުވާން ގުނަސެކެރާ ބުންޏެވެ.
ސްރީލަންކާ އަށް ދުނިޔޭގެ ލޯ ހުއްޓިގެން ދިޔައީ ލަންކާގެ ސަރުކާރާއި ޓަމިލް ޓައިގަރުންނާ ދެމެދު ހިނގި 26 އަހަރުގެ ހަނގުރާމައިގާ ގިނަ އަދަދެއްގެ އާންމުން މެރުން ފަދަ ޖަރީމާތައް ހިންގާފައިވާ ކަމަށް އެމެރިކާ އިން ފާހަގަކުރުމުންނެވެ. މިހަނގުރާމަ ނިމިފައި ވަނީ 2009ގަ އެވެ.
އެކްނަލިގޮޑާގެ ކޭހަކީ ހަނގުރާމައިގައި ހިނގާފައިވާ ކުށްތަކަށާއި ސަރުކާރުގައި މަސައްކަތްކުރާ ކުށްވެރިންނަށް އަދަބު ދިނުމަށް ހިތްވަރުދޭ އާ ފެށުމެއް ކަމަށް އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓުން ބުނެ އެވެ.
ޕޮލިހުންގެ މިތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް މިލިޓަރީގެ ސްޕޯކްސްމަން ބުންޏެވެ. އަދި ހައްޔަރު ކުރި ސިފައިންނާއި ފުލުހުންގެ ހުރިހާ އިނާޔަތްތަކެއް ވަނީ ކަނޑާލައިފަ އެވެ.