ރަށްގިރުމާއި ފެންބޮޑުވުމާ އެކު ކެޓެގަރީ ފަހެއްގެ ތޫފާން ޕެޓްރީސިއާ މެކްސިކޯއަށް އަރައިފި އެވެ.

ހަރިކޭން ޕެޓްރީސިއާގެ ނަންދީފައިވާ ތޫފާނު ވަނީ މެކޮސިކޯގެ ރަށްބޭރަށް ބޯކޮށް ވެހޭ ވާރެ އާއި ގަދަ ވަޔާ އެކު އަރައިފަ އެވެ.

"ތޫފާން މިހާރު ވަނީ އެމީލާނޯ ސާޕަޓާގައި ރަށް ގިރުމަށް މަގުފަހިކޮށްފައި." ނެޝަނަލް ވޯޓާ ކޮމިޝަނު ޑައިރެކްޓަރު ރޮބާޓޯ ރަމީރޭޒް، މިލޭނިއޯ ޓެލެވިޒަން އަށް ހުކުރު ދުވަހު ހަވީރު ބުނެދިނެވެ.

ފެންބޮޑު ވުމާއި ރަށްގިރުން ކުރިމަތިވި ކަމުގައި ވިޔަސް ބޮޑެތި ގެއްލުންތަކެއް ރިޕޯޓް ކުރެވިފައެއް އަދި ނުވެ އެވެ. ޓީވީ ޚަބަރުން ފެނިގެންދަނީ ވެއްޓިފައިވާ ގަސްތަކާއި މަގުމަތީ ހޮޅިބައްތިތަކާއި ފެން ބޮޑުވެފައިވާ މަގުތަކެވެ.

ޕެޓްރީސިއާ އަރައިފައި ވަނީ އާބާދީ ކުޑަ ސްޓޭޓެއްކަމަށްވާ ޒަލިސްކޯއަށެވެ. އެންމެ ކައިރީގައި އޮތް ސިޓީ އޮތީ ތޫފާންގެ ގެއްލުން ފޯރާވަރަށް ވުރެ ދުރުގަ އެވެ. އެއީ ޒަލިސްކޯގެ ދެކުނުއިރުމަތިން 85 ކިލޯ މީޓަރު ދުރުގަ އެވެ.

ތޫފާން އެރިތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުން، އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓާ، ޕެޓްރީސިއާ ވަނީ ކެޓެގަރީ ހަތަރެއްގެ ތޫފާނަކަށް ދަށްވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ހޮނިހިރު ދުވަހުގެ ހެދުނަށް ޓްރޮޕިކަލް ސޮޓޯމްއަކަށް ދަށްވާނެ ކަމަށް ބެލެވެ އެވެ.

މެކްސިކޯގެ އައްސޭރިފަށަށް ޕެޓްރީސިއާ އެރީ ގަޑިއަކު 305 ކިލޯ މީޓަރު ބާރުމިނުގަ އެވެ. މިއީ ތޫފާނެއްގެ އެންމެ ބާރު ސްޕީޑް ކަމަށްވާ ގަޑިއަކު 325 ކިލޯ މީޓަރު ބާރުމިނުން ދަށްވުމެކެވެ.

އެންއެޗްސީ އިން ބުނެފައި ވަނީ މެކްސިކޯގެ ރަށްބޭރުން ހުރަސް ކުރުމަށް ފަހު ތޫފާނުގެ ބާރުމިން ގަޑިއަކު 265 ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށެވެ.

ވައި ބާރުވުމުގެ ސަބަބުން ހުކުރު ދުވަހު ވަނީ އެތައް ހާސް އާއްމުންނާއި ފަތުރުވެރިން ސަލާމަތްކޮށް ކުއްލިއެހީ ފޯރު ކޮށްދީފަ އެވެ.

ދެ ހާސް ތޭރަރަ ވަނަ އަހަރު ފިލިޕީންސް އަށް އެރި ޓައިފޫން ހައިޔާންއާ އަޅާކިޔުމަށް ފަހު އެންއެޗްސީ އިން ބުނާ ގޮތުގައި ތޫފާނު ޕެޓްރީސިއާ އަކީ ހުޅަގުން ރިކޯޑް ކުރި އެންމެ ބޮޑު ތޫފާނެވެ.

އަލް ޖަޒީރާގެ މީޓިރޮއޮލޮޖޮސްޓް އެވަޓަން ފޮކްސް ބުނެފައިވާ ގޮތުގައި ތޫފާންގެ ސަބަބުން ބޮޑެތި ފެންބޮޑުވުންތައް ކުރިމަތިވެ ބައެއް ސަރަހައްދުތަކަށް 200 މިލިމީޓަރާއި 500 މިލިމީޓަރުގެ ވާރޭވެހުން އެކަށީގެންވެ އެވެ. އަދި 14 މީޓަރާ ގާތްކުރާވަރުގެ ބޮޑެތި ރާޅު އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވެ އެވެ.

މައުލޫމާތު: އަލްޖަޒީރާ