ރާއްޖޭގެ ވެރިކަން ޚަރާބުކުރުމުގައި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދުގެ ދައުރު ވަރަށް ބޮޑު ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު އޭނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ކަމުން ދުރުކުރި ފަހުން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 'ހަގީގަތާ ޚިލާފު ރިޕޯޓްތައް' ހުސައިން ވަހީދު އުފަން ކުރުވި ކަމަށެވެ.

ނަމަވެސް އެފަދަ ރިޕޯޓްތަކެއް އުފަން ކުރި ކަމަށް ޖަމީލު ތުހުމަތު ކުރައްވަނީ ކޮން ކަމަކާ ބެހޭ ގޮތުން ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

"...މުޅި ވެރިކަން ޚަރާބު ކުރުމުގައި ސީޕީ ޙުސައިން ވަޙީދުގެ ދައުރު ވަރަށް ބޮޑު، ހަގީގަތާ ޚިލާފު ރިޕޯޓްތައް އުފަންކުރި،" ކުރިން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

ޖަމީލު މިމޭރުމުން ހުސައިން ވަހީދާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން ހުސައިން ވަހީދު ދުރުކޮށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް، ސަރުކާރުން ބަދަލުކޮށްފައި ވަނިކޮށެވެ.

ފުލުހުންގެ އިދާރާއަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ގެންނެވި އެހެން ބަދަލުތަކުގެ ތެރޭގައި ކޮމިޝަނަރު އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔާ އަޙުމަދު ޢަރީފާ ހަވާލުކުރެއްވުމާއި ކުރިން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ހަސަން ހަބީބާއި މުޙައްމަދު ޞާދިގު އެމަގާމުން ދުރުކުރެއްވުން ހިމެނެ އެވެ.