24 Oct 2015, 11:18
ވޭތުވެ ދިޔަ އަހަރު އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނި، މިދިޔަ އަހަރު އއ. ތޮއްޑޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ޝިރާނީ ހޮވިއްޖެ އެވެ.
ޝިރާނީ ތޮއްޑޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ މިދިޔަ އަހަރު ޖީސީ އޯލެވެލް އިމްތިހާނުގައި އޭނާ ބައިވެރިވި ހުރިހާ މާއްދާ އިން ފާސްވެގެންނެވެ.

ރޭގެ ރަސްމިއްޔާތުގައި ޝިރާނީ އަށް އިނާމުދެނީ --- ސަން ފޮޓޯ
ހުރިހާ މާއްދާއަކުން ފާސްވެގެން ތޮއްޑޫ ސްކޫލްގެ 2014 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ޝިރާނީ ހޮވުނު އިރު، ފަސް މާއްދާއަކުން އޭ ފާސް ހޯދައިގެން އޭނާ ވަނީ ރާއްޖޭގެ ގަދަ ދިހައެއްގައި ވެސް ހިމެނިފަ އެވެ.
ތޮއްޑޫ ސްކޫލްގެ މިދިޔަ އަހަރު ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ފާތިމަތު ޝަޒާ އެވެ. ޝަޒާ ވަނީ ހުރިހާ މާއްދާއިން ފާސްވުމާ އެކު ދެ އޭ ފާސް ހޯދާފަ އެވެ. އެ ސްކޫލުން މިދިޔަ އަހަރު ތިންވަނަ އަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ހަސަން ރަމީޒް އެވެ.

ތޮއްޑޫ ސްކޫލްގެ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ތިންވަނަ ހޯދި، ހަސަން ރަމީޒް --- ސަން ފޮޓޯ
ރޭ އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަމުން ޝިރާނީ ބުނީ، ކާމިޔާބީ އަކީ ގަދަ ހިތްވަރާއި މިންނެތް މަސައްކަތުން ހާސިލުވާ އެއްޗެއް ކަމަށެވެ. ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ވަރަށް ހިތްވަރުކުރި ކަމަށާއި އެ ކާމިޔާބީއަށް ވާސިލްވުމަށް ޝިރާނީ އަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޮއްޑޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މޫސާ ސާލިހު ވިދާޅުވީ، އަހަރަކަށް ފަހު އަހަރެއް ތޮއްޑު ސްކޫލްގެ ދަރިވަރުން ނަތީޖާ ރަނގަޅުކޮށް ފުރިހަމަ ކާމިޔާބީތަކެއް ހޯދަމުން އަންނަކަން ފާހަގަކުރާ ކަމަށެވެ. އެގޮތުން އަތޮޅު ފެންވަރުގައި ވެސް އަދި ގައުމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ތޮއްޑޫ ސްކޫލްގެ ދަރިވަރުންގެ ފަރަތުން ނެރެދީފައިވާ ކަމަށް ޑީޕީ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ދަރިވަރުންގެ ތައުލީމާ ގުޅޭ އެކިއެކި ކަންކަމާއި ސްކޫލްގެ އުމްރާނީ އަދި އެހެނިހެން ގޮތްގޮތުން ބޭނުންވާ ތަރައްގީއަށް ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުމަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ތޮއްޑޫ ސްކޫލުން މިދިޔަ އަހަރު އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް އިނާމު ހަވާލުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ހަސަން އާއި ތޮއްޑޫ އަދި އަތޮޅު ކައުންސިލްގެ އިސްވެރިން އަދި ތޮއްޑު ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ބައިވެރިވި އެވެ.