ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ޔެލޯ އެލާޓް ނެރެފި އެވެ.

އެ އިދާރާ އިން އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9.30 އިން މެދުންދުރު 12.30 އަށެވެ. އެލާޓްގައި ބުނެފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދަށާއި ރާއްޖެއަށް މި އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހު ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާ ގޮތުގެ ޗާޓެއް އެ އިދާރާ އިން ވަނީ މިމަހުގެ 18 ވަނަ ދުވަހު އާއްމުކޮށްފަ އެވެ. އެ ޗާޓާއި އެކު އާއްމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވާ ގޮތުގައި އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ރާއްޖެއަށް ބައެއް ފަހަރު އާދައިގެ ވަރަކަށް އަދި ބައެއް ފަހަރު އާދައިގެ ވަރަކަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ދެކުނަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެ ކަމަށް މީޓިރިއޮލޮޖިކަލް ސާވިސަސް އިން މިދިޔަ ބުދަ ދުވަހު ވެސް ލަފާކުރި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ބުދަ ދުވަހު ސަން އަށް ވިދާޅުވެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާ ދެމެދުގައިވާ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ސަރަހައްދުތަކަށް އެދުވަހު ވަނީ "ޔެލޯ އެލާޓް" ނެރެފަ އެވެ.

"މިއަދު ބޮޑަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ހާއްސަކޮށް. އެއީ ލ. އަތޮޅުން ފެށިގެން އައްޑުއަތޮޅާއި ދެމެދު އިނގޭތޯ." އޮފިޝަލް ވިދާޅުވި އެވެ.

އެހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިޔަކު 40 މެއިލްއަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެކުނުގެ ސަރަހައްދުތަކާ އެކު މުޅި ރާއްޖެއަށް ވެސް ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.