މޫނުގައި ސްޓިކާއެއް ޖަހައިގެން ސެލްފީއެއް ނެގުމަށްފަހު އެ ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާކޮށްގެން ޑައުން ސިންޑްރޯމް އާ ބެހޭގޮތުން މީހުން ހޭލުންތެރި ކުރުމުގައި އެހީތެރިވާ ކެމްޕޭނެއް "ބިއުޓިފުލް އައިސް" ޑައުން ސިންޑްރޯމް އެސޯސިއޭޝަން އިން ފަށައިފިއެވެ.

"ސެލްފީ ސްޓިކާ"ގެ ނަމުގައި އިއްޔެ ފެށި ކެމްޕޭނަކީ ޑައުން ސިންޑްރޯމް އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޒުވާނުން މެދުވެރިކޮށް ހޭލުންތެރި ކުރުމަށް ބާއްވާ ކެމްޕޭނެކެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕޭނަކީ، މިދިޔަ އަހަރުވެސް އެ އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވާ ކެމްޕޭނެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރާ މުޖުތަމައެއް ބިނާކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ފެށި އެ ކެމްޕޭން އަށް ބޭނުންވާ ސްޓިކާ އެކި ސަރަހައްދުތަކުން ލިބެން ހުންނާނެ ކަމަށް ބިއުޓިފުލްއައިސް އިން ވަނީ ބުނެފައެވެެ. އެގޮތުން އެ އެސޯސިއޭޝަން އާއި ހޮޓެލް ޖެން އާއި ރާޅުގަނޑު ސަރަހައްދާއި ކާނިވާ ސަރަހައްދުގެ އިތުރުން ޖުމްހޫރީ މައިދާން އަދި ސޯޝަލް ސެންޓަރުން ވެސް އެ ސްޓިކާ ލިބޭނެކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ ކެމްޕޭންގައި ބައިވެރި ވުމަށް ސްޓިކާ މޫނުގައި ތަތް ކުރުމަށްފަހު ސެލްފީއެއް ނެގުމަށްފަހު "BeautifulEyesMV#" ހޭޝްޓެގް ބޭނުންކޮށް ސޯޝަލް ނެޓްވޯކަށް ސެލްފީ ޕޯސްޓު ކުރުމުން ކެމްޕެއިންގައި ބައިވެރި ވެވޭނެ އެވެ.

އަހަރުގެ މިހާ ހިސާބުގައި އެ ކެމްޕޭން ބޭއްވުމުގެ ބޭނުމަކީ އޮކްޓޯބަރު މަހަކީ ބައިނަލްއަގުވާމީ ޑައުން ސިންޑްރޯމް އަށް ހޭލުންތެރި ކުރުމުގެ މަސް ކަމަށް ވާތީކަމަށް ވެސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ބުންޏެވެ.