30 Mar 2011, 16:49
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައިވެސް އެންމެ މައްސަލަ ބޮޑުވި މެޗުގައި ބައްދަލުކުރި ނިއުރޭޑިއަންޓާއި ވީބީ ދިވެހިލީގު ހުޅުވަން މިރޭ ނުކުންނާނެ އެވެ.
މިރޭ 9 ޖަހާއިރު ގަލޮޅުދަނޑުގައި ކުޅޭ މެޗަށް ދެ ޓީމު ނުކުންނައިރު ވީބީ ވަނީ މިދިޔަ އަހަރަށްވުރެވެސް ކުޅުންތެރިންގެ ގޮތުން ވަރުގަދަވެފައެވެ. ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ލީޑް ކުރަމުންދާ ގިނަ ކުޅުންތެރިންނަކީ އެ ޓީމުގެ ކުޅުންތެރިންނެވެ. ނަމަވެސް އެއާ ޚިލާފަށް މުޅި ސްކޮޑްގައިވެސް ހިމެނެނީ ނިއުގެ އެންމެ ކުޅުންތެރިއެކެވެ. އެއީ އަޙްމަދު އަބްދުﷲ(ލިލީ) އެވެ. ނަމަވެސް އޭނާ އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގެ އެއްވެސް މެޗެއްގައި ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ.
މިދިޔަ އަހަރުގެ ނިއުގެ ޓީމުގެ ގިނަ ކުޅުންތެރިން ކްލަބް ދޫކޮށް ގޮސްފައިވާއިރު ޓީމަށް އިތުރުވި އެންމެ މަޝްހޫރު ކުޅުންތެރިއަކީ ވިކްޓަރީން އައި ޑިފެންޑަރ މުހައްމަދު ޖަމީލެވެ. ޓީމުގައި ދެން ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ކެޕްޓަން އަޙްމަދު ތާރިގް(ޓޮމް) އެވެ. ނަމަވެސް އޭނާ މުޅިން ފިޓްނުވާތީ މިރޭ ނުފެނުން އެކަށީގެންވެއެވެ.
މިިދިޔަ އަހަރުގެ ސީޒަންގައި މިދެޓީމުގެ ބައްދަލުކުރި 4 މެޗުގެ ތެރެއިން 2 މެޗު ވެގެން ދިޔައީ ފޯރިގަދަ މައްސަލަ ބޮޑުވެގެން ދިޔަ ދެމެޗަށެވެ. ދިވެހިލީގުގައި ކުޅުނު 3 މެޗުގެ ތެރެއިން ފުރަތަމަ ބުރުގެ މެޗުގައި ތަޅާފޮޅުން ހިނގާ ގިނަ ކުޅުންތެރިންތަކަކަށް ބޮޑެތި ސަސްޕެންޝަން އައެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަލީ އަޝްފާގަށް ގެއްލުނީވެސް އެމެޗުގައި ދިމާވި ކަންތައްތަކާ ގުޅިގެން އައި 6 މެޗުގެ ސަސްޕެންޝަންގެ ސަބަބުން ކަމަށް ބެލެވެއެވެ. އެއަށްވުރެވެސް ފޯރިގަދަވީ އެފް އޭ ކަޕްގެ ސެމީގައި ކުޅުނު މެޗެވެ. ނިއު 2 ލަނޑުގެ ލީޑެއްގައި އޮއްވާ މެޗު ހުއްޓާލީ ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކާތީ އެވެ. ނަމަވެސް ފަހުން މެޗު ކުޅެން ވީބީން ދެކޮޅު ހެދީ ކަމަށް ނިންމާ މެޗު ނިންމާލީ އެވެ. މިމެޗުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީން ނިންމީ ނިއު މޮޅުވީ ކަމަށެވެ. އަދި މެޗުގެ ރެފްރީ އަލީ އާދިލް ހަތް މެޗަށް ސަސްޕެންޑް ކުރި އެވެ.