24 Oct 2015, 09:49
މިހާރު ކުރިއަށް ދާ 34 ވަނަ ގައުމީ ބާސްކެޓް ބޯލް ލީގްގެ ގަދަ ހަތަރު ޓީމް ކަށަވަރުވެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުރިޔަށް ދާ އެ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ހަތަރު ޓީމުގެ ތެރޭގައި ހިމެނެނީ 14 ޕޮއިންޓާއި އެކު ދިވެހި ސިފައިންގެ ކްލަބާއި 18 ޕޮއިންޓާއި އެކު ރެޑްލައިން ކުލަބާއި 22 ޕޮއިންޓާއި އެކީ ޓީރެކްސް ބީސީ އަދި ހަރިކޭން ބީސީ އެވެ.
މާދަމާ ކުޅެވޭ ދެވަނަ ބުރުގެ ފަހަ މެޗަށް ފަހު އެއްވަނަ އަދި ދެވަނަ ޓީމް ކަޑައެޅިގެން ދާނެއެވެ. އެ މެޗްގައި ނިކުންނާނީ ކުޅުނު އަށް މެޗުން 22 ޕޮއިންޓް ހޯދާފައިވާ ޓީރެކްސްއާއި ހަރިކޭން ބީސީ އެވެ. މި ވަގުތު އެއްވަނައިގައި ހަރިކޭން ބީސީ އޮތީ އެގްރިގޭޓުން ކުރި ލިބިގެންނެވެ.
މިފަހަރުގެ ގައުމީ މުބާރާތުގައި ޖުމްލަ ހަޓީމް ވާދަކުރެ އެވެ. އަދި ސެމީ ފައިނަލަށް ނުގޮސް ކަޓާފައިވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވި ކްލަބް ޕީކޭއާއި އެއް މެޗުން މޮޅުވެފައިވާ ޔޫއެން ފްރެންޑްސް އެވެ.
އެ މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 31 ވަނަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒްގެ އެތެރޭ ކޯޓްގައެވެ.