އިސްރާއީލުން ފަލަސްތީނު މީހުންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) ނާކާމިޔާބުވެފައިވާ ކަމަށް ރާއްޖޭން ބުނެފިއެވެ.

ޔޫއެން ސެކިއުރިޓީ ކައުންސިލްގައި މެދު އިރުމައްޗާއި ފަލަސްތީނު މައްސަލައާ ބެހޭ ގޮތުން ބަހުސް ކުރުމަށް ބޭއްވި ހުޅުވާލާފައިވާ ބަހުސެއްގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު އިއްޔެ ވިދާޅުވީ، ޔޫއެން އިން ވަނީ އިސްތިއުމާރު ކުރެވުމާއި އަނިޔާވެރިކަމާއި އަސްކަރީ ގޮތުން އަޅުވެތި ކުރުން ފަދަ ކަންތައްތަކުން އެތައް މިލިޔަން ބަޔަކު ސަލާމަތްކޮށްފައި ކަމަށެވެ. އެހެން ނަމަވެސް އިސްރާއީލުން ފަލަސްތީނު މީހުންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި އެޖަމާއަތް ނާކާމިޔާބު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮންނަ އޮތުމާއި ފަލަސްތީނު މީހުންނާއި މެދު ހައްދެއް ނެތް މިންވަރަށް ބޭއިންސާފުކުރަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް ޔޫއެން އިން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭގެ ފަރާތުން ޑރ. ޢަލީ ނަސީރު ގޮވައިލެއްވިއެވެ.

ފަލަސްތީނުގައި އެންމެ ފަހުން ފެށުނު ހަމަނުޖެހުންތަކަށް އަލިއަޅުއްވައިލައްވަމުން އޭނާ ވިދާޅުވީ އެއީ 'ކަޅު މަންޒަރެއް' ކަމަށެވެ. ސުލްހައަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ހަރަމުއް ޝަރީފަށް ދޭން ޖެހޭ ގަދަރު އަނބުރައި އިއާދަކުރަން ޖެހޭ ކަމަށާއި އެތަނަށް ވަނުމަށް ފަލަސްތީނު މީހުންނަށް ލިބިގެންވާ ހައްގު އެމީހުންނަށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ކޮންމެ އަހަރަކު އެތައްހާސް ޔަހޫދީންނެއް ނުގަވައިދުން ވަޒަންވެރިވަމުންދާ ދިއުމާއި މެދުވެސް ރާއްޖޭން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.