24 Oct 2015, 09:03
ވިއެނާ (އޮކްޓޯބަރު 24): ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމާބެހޭގޮތުން މަޝްވަރާ ކުރުމަށް ވިއެނާގައި އިއްޔެ ބޭއްވި، އެމެރިކާއާއި ރަޝިޔާއާއި ތުރުކީއާއި ސައޫދީ އަރަބިޔާގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ކާމިޔާބުކަމަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވިގޮތުގައި މިބައްދަލުވުމުގެ މަޝްވަރާތައް އަމާޒުކުރީ ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަށް މިހަތަރު ގައުމުގެ އެއްބާރުލުން ލިބޭނެ މިންވަރާބެހޭގޮތުންނެވެ. މިގޮތުން މިމަސައްކަތްތަކަށް އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް މިހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން އެއްބަސްވެ ވަޑައިގެންނެވިކަމަށް ލާވްރޯވް ވިދާޅުވިއެވެ.
ރަޝިޔާއިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމަށް އީރާނުގެ ޚާރިޖީ ވަޒީރަށް ދައުވަތު އަރުވާފައެއް ނުވެއެވެ. އެއީ ސައޫދީ އަރަބިޔާ ނުރުހިދާނެތީ ކަމަށް ވަނީ ބެލެވިފައިވެއެވެ.
ވިއެނާގެ ބައްދަލުވުމުގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ މުސްތަގްބަލާބެހޭގޮތުން މަޝްވަރާކޮށްފައެއް ނުވެއެވެ. މިއީ މި ހަތަރު ގައުމުގެ މެދުގައި ވަރަށް ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ. މިގޮތުން ސޫރިޔާގެ ވެރިކަން އިންތިގާލީ މަރްހަލާއަކަށް ބަދަލުކުރެވޭނެ ގޮތްތަކެއް މިބައްދަލުވުމުން ނިންމިފައިނުވާ ކަމަށް އެމެރިކާ ގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވިއެވެ.
ސައޫދީ ޚާރިޖީ ވަޒީރު އާދިލް އަލްޖުބައިރު ވިދާޅުވީ، މިއެއްބަސްވުމުގައި ނިންމުނު އެންމެ މުހިއްމު ނިންމުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް މިހަތަރު ގައުމު ގުޅިގެން މަސައްކަތް ކުރުމަށާއި ސޫރިޔާގެ މައްސަލައަށް ގެންނަން ޖެހޭނީ ސުލްޙަވެރި ހައްލެއްކަމަށް މިހަތަރު ގައުމުން ގަބޫލުވެ އެކަމަށް އެއްބަސްވުން ކަމަށެވެ.
ރަޝިޔާއަކީ އައިއެސްއާ ހަނގުރާމަ ކުރުމަށް ކަމަށް ބުނެ ދާދިފަހުން އަސްކަރީގޮތުން ސޫރިޔާއަށް ވަދެގެންފައިވާ ގައުމެކެވެ. ނަމަވެސް އަސްކަރީ ގޮތުން ސޫރިޔާއަށް ވަދެގަނެގެން ރަޝިޔާ ކުރަމުން ގެންދަނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ހިމާޔަތް ކުރުމުގެ މަސައްކަތްކަމަށް އެމެރިކާ އާއި ނޭޓޯއިން ތުހުމަތު ކުރެއެވެ.
އަނެއްކޮޅުން ސޫރިޔާގެ މައްސަލައިގައި ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން އާއި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދް އާއި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވެސް އިއްޔެވަނީ ސޫރިޔާގެ މައްސަލާބެހޭގޮތުން ފޯނުން މަޝްވަރާ ކުރައްވާފައެވެ. މި ތިން ގައުމަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު މަގާމުން ދުރުކުރުން ނޫން ހައްލެއް ސޫރިޔާއަށް އޮތްކަމަށް ގަބޫލުނުކުރާ ހަރުކަށި ވިސްނުން ގެންގުޅޭ ތިން ގައުމެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމަ މިހާބޮޑަށް ދިގުލައިގެން ގޮސް އެގައުމުގެ ރައްޔިތުން ފަނާވާ ހިސާބަށް ކަންތައްތައް ގޮސްފައިވަނީ ސިޔާސީ މަގްސަދް ތަކެއް ހާސިލް ކުރުމަށްޓަކައި ބައްޝާރު ވެރިކަމުން ދުރުކުރުމަށް މިތިން ގައުމު ގެންގުޅޭ ހަރުކަށި މި ވިސްނުމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.
ގައުމުތަކުގެ ވެރިން ކިތަންމެ ގޯސްނަމަވެސް ގަދަބާރުން އެމީހުންގެ ވެރިކަން ވައްޓާލައިގެން އެގައުމުތައް ހަލާކުގެ ތެރެއަށް ވެއްޓުން ފިޔަވައި އެހެންކަމެއް ނުވާކަން އިރާގާއި ލީބިޔާއާ އަދި މިސްރުގެ ހާލަތްތަކުންވަނީ ދުނިޔެއަށް ވަރަށް ރަނގަނޅަށް އެނގި ހާމަވެފައެވެ. (ނޫސްއެޖެންސީތައް)