ނ. ކެނދިކުޅުދޫގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިމާރަތްކުރާ މަލްޓި ޕާޕަސް ހޯލުގެ ބިންގާ އަޅާފިއެވެ. އެ އިމާރާތުގެ ބިންގާ އިއްޔެ އަޅުއްވައިދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފާއި އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

މަލްޓި ޕާޕަސް އިމާރާތުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެ ޕްރޮޖެކްޓަކީ 4.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ މަލްޓި ޕާޕަސް ހޯލަކީ 140 ފޫޓް ދިގު 75 ފޫޓް ފުޅާ ދެބުރި އިމާރާތެކެވެ.

'ސަން' އާ ވާހަކަދައްކަވަމުން އަލީ މައުރޫފް ވިދާޅުވީ، ކެނދިކުޅުދޫގެ ތައުލީމަށްޓަކައި ގިނަ މަސައްކަތްތައް ކުރެވޭ ކަަމަށެވެ.

އިއްޔެ ވަނީ އެ ރަށުގައި ގައުމީ ޔުނިވަސިޓީގެ ލާނިން ސެންޓަރެއް ގާއިމުކުުރުމުގެ އެމްއޯޔޫގައި ވެސް ސޮއިކޮށްފައެވެ. އެ އެމްއޯޔޫގައި ވަނީ ގައުމީ ޔުނިވަސިޓީ އާއި އެ ރަށު ކައުންސިލާއި ސްކޫލްގެ ފަރާތުން ސޮއިކޮށްފައެވެ.

" ރައީސްގެ އަދި އަޅުގަނޑުގެ ވައުދެއް ކެނދިކުޅަދޫގައި މަތީ ތައުލީމް އުނގެނޭނެ އިންތިޒާމެއް ހަމަޖެއްސުން. މީގެ ދަށުން އެމްއޯޔޫއެއްގައި މި ސޮއިކުރެވުނީ ކެނދިކުޅުދޫ ސްކޫލާއި ކެނދިކުޅުދޫ ކައުންސިލާއި ގައުމީ ޔުނިވާސިޓީ އާއި މިތާނގައި ލާނިން ސެންޓަރެއް ގާއިމުކުރަން،" މައުރޫފް ވިދާޅުވިއެވެ.

އެ އެމްއޯޔޫގެ ދަަށުން އެ ރަށުގައި ގާއިމުކުރާ ލާނިން ސެންޓަރު ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެ އެމްއޯޔޫގެ ދަށުން 60،000 އަކަ ފޫޓްގެ ބިމެއް އެ އިމާރާތް އެޅުމަށް ވަނީ ކަނޑައަޅާފައެވެ.

ގައުމީ ޔުނިވަސިޓީގެ ލާނިން ސެންޓަރެއް ގާއިމުކުުރުމުގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ

ލާނިން ސެންޓަރު ހުންނާނީ ތިމާވެށްޓާ ވަރަށް ރައްޓެހި ގޮތަކަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އެ ލާނިންސެންޓަރަށް ބޭނުންވާ 5 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖެހިފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

" އެތަނަކީ ވަރަށް ބޮޑެތި ގަސްތައް ހުރިތަނެއް ވީމަ މި ބޭފުޅުން ބޭނުންވަނީ ބޭރު ދުނިޔޭގަ ހުންނަ ކަހަލަ ވަރަށް ރީތި އެންވަޔަރަންމެންޓް ފްރެންޑްލީ މާހައުލެއް ގާއިމުކުރަން،" މައުރޫފް ވިދާޅުވިއެވެ.

ކެނދިކުޅުދޫގައި މިހާރު ވެސް ދަނީ ދުރުންދޭ ތައުލީމްގެ އުސޫލުން ގައުމީ ޔުނިވަސިޓީގެ އެެއް ކޯސް ހިންގަމުންނެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އިތުރު ތިން ކޯހެއް ފަށަން ވަނީ ހަމަޖެހިފައެވެ.