24 Oct 2015, 08:43
ދ. އަތޮޅު މަދުރަސާއިން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ރައުހާ އިސްމާއިލް ހޮވިއްޖެއެވެ.
ދ. އަތޮޅު މީދޫގައި ހުންނަ ދ. އަތޮޅު މަދުރަސާގައި ރޭ ބޭއްވި އެ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގައި ރަސްމިއްޔާތުގައި ރައުހާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ ޓްރޮފީ ހަވާލުކޮށްދެއްވީ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ. ރައުހާ ވަނީ ހަތް މާއްދާ އިން ޑިސްޓިންކްޝަން ހޯދާފައެވެ.
ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަޒްމީ އިސްމާއިލް އެވެ. އޭނާ ވަނީ ހަ މާއްދާއިން ޑިސްޓިންކްޝަން ހޯދާފައެވެ.

ދ. އަތޮޅު މަދުރަސާގެ ދެވަނަ އަށް އެންމެ މޮޅު ދަރިވަރު އަޒްމީ އިސްމާއިލް އަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވަނީ -- ފޮޓޯ: އަހުމަދު ޝަރީފު، ދ. މީދޫ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރައުހާ ބުނީ މި ކާމިޔާބީ ލިބުނީ އާއިލާ އާއި ޓީޗަރުންގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.
ސްކޫލުން ދަސްކޮށްދިން އެންމެ މުހިއްމު ފިލާވަޅަކީ ކެތްތެރިވާންށާއި އިހްތިރާމް ކުރަން ކަމަށް އޭނާ ބުންޏެވެ.
" އަމިއްލަ ނަފްސަށް އިތުބާރުކޮށް މަަސައްކަތް ކުރުމުން ހުވަފެންތައް ހަގީގަތަކަށް ވާނެ،" ރައުހާ ބުންޏެވެ.

ދ. އަތޮޅު މަދުރަސާގެ އިނާމްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަހުމަދު ޝަރީފު، ދ. މީދޫ
އެކި ގްރޭޑްތަކުން އެންމެ މޮޅު ދަރިވަރުންނާއި އެކި ކްލާސްތަކުން ނަތީޖާ ރަނގަޅު ކުރަމުން އަންނަ ދަރިވަރުންނަށް ވަނީ އެ ޖަލްސާގަައި އިނާމު ދީފައެވެ. ހަމައެއާއެކު ކޮޮންމެ ކްލާހަކުން އަހުލާގީ ގޮތުން އެންމެ ރަނގަޅު ދަރިވަރުން ވަނީ އެ އިނާމު ދިނުމުގެ ޖަލްސާގައި ހޮވާފައެވެ.
އެ މަދަރުސާގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ހައުސް އަކަށް ހޮވުނީ ދޮށިމޭނާ ހައުސް އެވެ.