ވޮޝިންޓަން (އޮކްޓޯބަރު 24): އައިއެސް ޖަމާއަތުން ވަގަށްނަގައިގެން އިރާގުގެ އުތުރުގެ ޖަލެއްގައި ހައްޔަރުކޮށްގެން ގެންގުނު ރަހީނުންގެ ބަޔަކު މިނިވަން ކުރުމަށް އެމެރިކާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން މިހާތަނަށް ނުލިބޭވަރުގެ ޖާސޫސީ މައުލޫމާތު އައިއެސްގެ ހަރަކާތްތަކާބެހޭގޮތުން ލިބިއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ޕެންޓަގަންގެ ވެރިޔާ އަދި އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރު ވިދާޅުވީ، މިލިބުނު ޖާސޫސީ މައުލޫމާތުގެ އެހީގައި ރަހީނުން މިނިވަން ކުރުމުގެ އިތުރު އޮޕަރޭޝަންތަކެއް މުސްތަގްބަލްގައި އެމެރިކާ ސިފައިން ހިންގާނެ ކަމުގައެވެ.

އައިއެސް ޖަމާއަތުން ވަގަށް ނެގުމަށްފަހު ރަހީނުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ހަތްދިހަ މީހުން ސަލާމަތް ކުރުމަށް އެމެރިކާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު އަސްކަރީ އޮޕަރޭޝަން ހިންގީ، އައިއެސްއިން އެމީހުން މަރާލާނެކަމުގެ މައުލޫމާތު ލިބިގެންކަމަށާއި ރަހީނުން މަރާލުމަށްފަހު އެމީހުން ވަޅުލުމަށް އައިއެސްގެ ހަނގުރާމަވެރިން ކޮނެފައިވާ ކައްވަޅުތައްވެސް މިއަސްކަރީ އޮޕަރޭޝަން ހިންގި އެމެރިކާ ސިފައިންނަށް ފެނިފައިވާ ކަމަށް ކާޓަރު ވިދާޅުވިއެވެ.

އިރާގާއި ސޫރިޔާގެ ބޮޑުބަޔަކަށް އަތްގަދަކޮށްގެންއުޅޭ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުން ވަގަށްނަގައި ރަހީނުކޮށްފައިވާ ހަތްދިހަ މީހުން ސަލާމަތް ކުރުމަށް ހިންގި އެ އޮޕަރޭޝަންގައި އެ އެންމެން މިނިވަން ކުރެވިފައިވާ ކަމަށާއި ނަމަވެސް މިއޮޕަރޭޝަންގައި އެމެރިކާ ސިފައިންގެ އެކަކު މަރުވިކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ބުނެފައިވެއެވެ.

އައިއެސް އިން ރަހީނުކުރި ހަތްދިހަ މީހުން ހައްޔަރުކޮށްފައިތިބި ކަމަށްވަނީ އިރާގުގެ އުތުރުގެ އަލްހުވައިޖާ ސަރަހައްދުގައިވާ ޖަލެއްގައެވެ. އެމެރިކާ ސިފައިން މިއޮޕަރޭޝަން ހިންގީ އިރާގުގެ ކުރުދީންގެ ހަތިޔާރުއެޅި ލަޝްކަރު ކަމަށްވާ ބިޝްމަރުގާ ގެ އެހީތެރިކަމާއެކު ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށްވެސް ޕެންޓަގަން އިން ބުނެފައިވެއެވެ.

އެމެރިކާއިން މިއޮޕަރޭޝަން ހިންގީ އެމެރިކާ ސިފައިންގެ ކޮމާންޑޯޒްގެ ބަޔަކު ވައިގެ މަގުން ކުއްލި ގޮތަކަށް ހުވައިޖާގެ ޖަލުގެ ކައިރިއަށް ފާބައިގެންނެވެ. (ރޮއިޓާސް)