އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އެސީޕީ)ގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒު ފުލުހުންގެ ސްޕޯކްސްޕާސަނަކަށް ހަމަޖައްސައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރީ ފުލުހުންގެ އެގްޒެކްޓިވް ބޯޑުން މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. ފުލުހުންގެ އެގްޒެކްޓިވް ބޯޑުން މިރޭ ކުއްލި ބައްދަލުވުމެއް ބޭއްވީ ފުލުހުންގެ އިދާރާ ހިންގުމުމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ގެންނެވި ބަދަލާ ގުޅިގެންނެވެ.

ސްޕޯކްސްޕާސަންގެ މަގާމަށް ނަވާޒު އައްޔަން ކުރެއްވިއިރު، ފުލުހުންގެ އިދާރާގައި އިންފޮމޭޝަން އޮފިސަރަކު ވެސް ހުންނަވަ އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރަކީ ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ ސްޕޯކްސްޕާސަންއަކަށް ހުންނެވީ ސްޕްރިންޓެންޑެންޓް އަހުމަދު ޝިފާނެވެ. ނަމަވެސް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހުސައިން ވަހީދު ވަކިކުރެއްވުމުން، އެ މަގާމު ވަނީ އުވިފަ އެވެ.