ކިޔަވާ ކުދިންނަކީ ގައުމު ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ގޮވާލައްވައިފި އެވެ.

ދ. އަތޮޅު މީދޫގައި ހުންނަ ދ. އަތޮޅު މަދުރަސާގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ގައުމުގެ ގަދަރާއި ކަރާމަތް ހިފަހައްޓަން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމަށެެވެ.

"މިއަދު ރާއްޖެ އަށް ބޭނުން ވަނީ ރާއްޖެ ދެކެ ލޯބިވާ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ދުވަހަކުވެސް ދޯކާ ނުދޭ، ލަނޑުނުދޭ އަދި ދިވެހި ރައްޔިތުން ދެކެ ލޯބިވާނެ ދިވެހި ރާއްޖޭގެ ކުރިއަށް އޮތް ޖީލުތައް މި ގައުމު ރަނގަޅު މިސްރާބަކަށް ގެނެސް އަދި ރައްޔިތުން ބޭނުންވާ މަންޒިލް މަގުސޫދާ ހިސާބަށް ގެނެވޭނެ ބައަކަށް ހެދުން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެކަން ކުރެވޭނީ ކިޔަވާކުދިން އަދި މިއަދުގެ ޒުވާނުން މިކަަމަށް ހޭލެވިގެން ކަމަށެވެ. އަދި ކިޔަވާ ކުދިންވާން ޖެހޭނީ އަމިއްލަ ނަފްސަށް އިތުބާރުކޮށް އިޚްލާސްތެރި އަދި ގައުމަށް ވަފާތެރި ބަޔަކަށް ކަމަށް ސިޔާމް ވިދާޅުވިއެވެ.

އަދި އެފަދަ ކަންކަމަށް ނުވިސްނާފިނަ 'މިނިވަން ކަމާއި އެކު ދިދަ ވިހުރިލަ ވިހުރިލައެއް ނުހުންނާނެ' ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ރާއްޖެ އަށް ބަނަކަމާއި ނާމާންކަން ގެންނަށް ބޭނުންނުވާނަމަ އަޅުގަނޑުމެންނަކީ އިސްލާމްދީން ދެކެ ލޯބިވާ މައިންބަފައިން ދެކެ ލޯބިވާ، ގައުމު ދެކެ ލޯބިވާ އަދި ވެރިންނަށް ކިޔަމަންގަންނަ ބަޔަކަށް ވާންޖެހޭ ކަަމަށް ސިޔާމް ވިދާޅުވިއެވެ.

ކޮންމެ ކުއްޖަކީ ވެސް ކަންތައްތައް ކުރެވޭނެ ކުއްޖަކަށް ވާންޖެހޭ ކަަމަށް ސިޔާމް ވިދާޅުވިއެވެ. މަސައްކަތްކޮށްފިނަމަ "އެއްވެސް ކުއްޖަކަށް ކާމިޔާބު ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް" ސިޔާމް ވިދާޅުވިއެވެ. އެހެންކަމުން ކާމިޔާބު ހޯދުމަށްޓަކައި މަސައްކަތްކުރުމަށް ސިޔާމް ނަސޭހަތްތެރިވިއެވެ.

ސަރުކާރުގެ ބޭނުމަކީ އެންމެހާ ދަރިވަރުންނަށް އިލްމާއި ހިލްމު ދިނުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މީދޫ ސްކޫލްގެ ހޯލު ބޮޑު ކުުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ސްކޫލުން ވަނަވަނަ އަށް އައި ދަރިވަރުންނަށް އިނާމް ދީފައެވެ.