30 Mar 2011, 16:44
ޢާއިލީ ވެރިކަމަކީ ދިވެހިން ވަރަށް ފޫހިވާ އެއްޗެކެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރު ނިމިގެން ދިޔަ އިރު ކެބިނެޓުގެ ވަރަށް ބޮޑު ބަޔަކީ ޢާއިލާގެ ބޭފުޅުންނެވެ. އެ ގޮތުން އެއް ބަފާ ކޮއްކޯފުޅު ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމާއި އެއްބަނޑު އެއްބަފާ ކޮއްކޮ ޢަބްދުﷲ ހަމީދާއި ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އެއްބަނޑު އެއްބަފާ ބޭބޭފުޅުން ކަމުގައިވާ އިލްޔާސް އިބްރާހީމާއި އައްބާސް އިބްރާހީމާއި ނަސްރީނާގެ ކޮއްކޮގެ ފިރިކަލުން އިބްރާހިމް މަނިކު (ސަމަރޭ) އާއި މައުމޫނަށް ބޮޑު ބޭބެ ވިދާޅުވާ ހަމްދޫން ހަމީދު (ޢަބްދުﷲ ހަމީދުގެ ދަރިކަލުން) ފަދަ ބޭފުޅުން ނަކީ ރައީސް މައުމޫނުގެ ކެބިނެޓުގައި ދިގު މުއްދެއްގައި ދެމިތިއްބެވި އަދި ނުފޫޒު ގަދަ ވަޒީރުންނެވެ. ވަޒީރު ކަމުގެ އިތުރުން އެ ވެރިކަމުގައި މި ބޭބޭފުޅުންގެ ނުފޫޒު އޮތީ ކެބިނެޓުން ބޭރުގައި ވެސް ވަރަށް ވަރުގަދަ ކޮށެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އެތައް އަހަރެއް ވަންދެން ހުންނެވީ ރައީސް މައުމޫނުގެ އެއްބަނޑު އެއް ބަފާ ކޮއްކޯފުޅު ޢަބްދުﷲ ހަމީދެވެ. ޚަބަރު ފެތުރުމުގެ އޭރުގެ އެންމެ މުހިންމު ވަސީލަތްތައް ކަމަށްވާ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް އަދި އެ ދާއިރާއާ ގުޅުން ހުރި ހުރިހާ ކަމެއްގެ ސީދާ ބާރު އޮތީ އިބްރާހީމް މަނިކު (ސަމަރޭ) އަތްޕުޅުގަ އެވެ. ވިޔަފާރީގެ ދާއިރާ އަށް ބަލާ އިރު ސްޓެލްކޯގެ ޗެއާމަން ކަމާއި އެސްޓީއޯގެ ޗެއާމަން ކަމުގެ މަގާމު ވަރަށް ދިގު މުއްދަތެއް ވަންދެން ފުރުއްވީ ކޮއްކޯފުޅު ޢަބްދުﷲ ޔާމީނެވެ. ގައުމުގެ ދިފާއީ ބާރުގެ އިތުރުން ސަރުކާރުގެ ޝިޕިން ކުންފުނި އެފްޕީ އައިޑީ އާއި ގައުމީ އެއާލައިން ހިންގެވުމުގެ ހުރިހާ ބާރެއް އޮތީ ޅިޔަނު އިލްޔާސް އިބްރާހީމްގެ އަތްޕުޅުގަ އެވެ. ވެރިކަމުގެ ފަހު ދެ ދައުރުގައި ޕްލޭނިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ ބޮޑުބޭބެ ވިދާޅުވާ ހަމްދޫން ހަމީދެވެ.
މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުމުގެ މައިގަނޑު އެއް ސަބަބަކީ ޢާއިލީ ވެރިކަން ކަމަށް ބަލާނެ ޖާގަ އެބަ އޮތެވެ. އޭގައި ބައިވަރު ސަބަބު އެބަ ހުއްޓެވެ. އެހެން ނަމަވެސް މީ އެ ވާހަކަ ދެއްކުމުގެ ވަގުތެއް ނޫނެވެ. ގާތް މީހުން މަތީ މަގާމުތަކަށް ލުމަކީ ރައީސަކަށް ހުންނަ މީހަކަށް ފައިދާތަކެއް ކުރާނެ ކަމެކެވެ. ވެރިކަން ދަމަހައްޓަން ކަން ކުރާން ޖެހޭ މަގަށް ދަތުރު ކުރުން މަތީ އެ މީހުން ދެމި ތިބޭނެ އެވެ. އެއީ އެ މީހުންނަށް ވެސް އެންމެ ފައިދާ އޮންނާނެ ގޮތެވެ. އެ ކަމުގައި ޝައްކެއް ނެތެވެ. އެކަމަކު އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ނުވެދާނެ އެވެ.
ގާތް މީހުން ސަރުކާރާގެ އެންމެ މަތީ މަގާމަށް އައްޔަން ކުރުމުން އުނދަގޫތައް ކުރިމަތިވެ އެވެ. މައްސަލަތައް ކުރިމަތިވާ ހިނދު ފިޔަވަޅު އަޅަން ދަތިވެ އެވެ. ކުރިމަތިލާން އުނދަގޫވެ އެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި މި މަގަށް ސުވާލު އުފެއްދޭނެ ކިތަންމެ ކިތަންމެ ކަމެއް ހިނގާފައިވެ އެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް އެއީ ހަގީގަތެވެ. ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އިލްޔާސް އިބްރާހީމާ މައުމޫނާ ގުޅުވައިގެން ދެކެވޭ ވާހަކަތައް މި ކަމުގެ މިސާލަކަށް ފުދެ އެވެ.
މި ދެކެވުނީ މާޒީގެ ވާހަކަ ތަކެކެވެ. މި ފަދަ އެތައް ވާހަކަތަކެއް މާޒީގެ ތެރެއިން ނަގައިގެން ދެއްކިދާނެ އެވެ. އެކަމަކު މި ތަނުގައި މި ފާހަގަ ކޮށްލީ މިހާރަށް ގުޅޭ ބައެއް ވާހަކަ އެވެ.
އަޅުގަނޑަށް ފެންނަ ގޮތުގައި މާޒީ އެކޭ މިހާރެކޭ މި މައްސަލައިގައި މާ ބޮޑު ތަފާތެއް ނެތެވެ. ރައީސް މައުމޫނު އަލުން އަނބުރާ ވެރިކަމަށް ވަޑައިގަންނަވާނެ ކަމެއް ނޭނގެ އެވެ. އެކަމަކު ޑީއާރްޕީގެ ދެފޮތި ވެފައިވާ ދެ ފެކްޝަނަށް ބަލާ އިރު މައުމޫނުގެ ފެކްޝަނުން ވެސް އަދި ތަސްމީނުގެ ފެކްޝަނުން ވެސް ދުވަނީ ޢާއިލީ ވެރިކަމެއްގެ ވަހެވެ. އެންމެ އަރިހުގައި އުޅޭ ތަން ފެންނަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޢާއިލީ މީހުންނެވެ.
މަދު ކަމެއް ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ ޒައީމް މައުމޫނުގެ ފަޅި އަށް ބަލަމާ ހިނގާށެވެ. އެންމެ އިސް ސަފުން މި ފެންނަނީ އެމަނިކުފާނުގެ ދަރިންނެވެ. ފާރިޝް އާއި ޣައްސާނެވެ. ދުންޔާ އާއި ޔުމްނާ އެވެ. މައުމޫނުގެ ދިގު ވެރިކަމުގެ ފަހު ދައުރުގެ ފަހު ދުވަސްތަކުގައި ނޫނީ މި ބޭބޭފުޅުން ސިޔާސީ ދާއިރާގެ މޫނުމަތިން ފެނިފައެއް ނުވެ އެވެ. ސިޔާސީ ދާއިރާގެ އަމަލީ މައިދާނަށް މި ބޭފުޅުން ނުކުންނެވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބައްޕައަށް ކާމިޔާބުކޮށް ދިނުމަށެވެ. އެ ކެމްޕޭނުގައި މައުމޫނުގެ ވަށައިގެން ހިނގަމުން ދިޔަ މުހިންމު ކަން ކަމުގައި އެންމެ ފަހު ބަސް ބުނާ ތަން ފެނިގެން ގޮސްފައި ވަނީ މައުމޫނުގެ އުފަން ބޭބޭފުޅުންނެވެ. މީގެ ތެރެއިން ވެސް މައުމޫނު 2008 ގެ ކެމްޕޭން މެނޭޖަރަކީ ދަރިކަލުން ފާރިޝް މައުމޫނު ކަން ފާހަގަ ކޮށްލަން ޖެހެ އެވެ. މި ފެށުމާ އެކު މިއަދު ވެސް މައުމޫނުގެ ފަޅީގައި އެންމެ އަރިސްކޮށް ސިޔާސީ ހަރަކާތްތަކުން ފެންނަނީ މައުމޫނުގެ ބޭބޭފުޅުންނެވެ. ޑީއާރްޕީގެ އެތެރެ އަށް ބަލާ އިރު ޣައްސާނު މައުމޫނަކީ މިއަދު އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް އެވެ. އެ ހައިސިއްޔަތުން އޭނާ އަކީ ޕާޓީގެ ކައުންސިލް މެންބަރެކެވެ. އުމުރުގެ ގޮތުން ބަލާ އިރު 2013 ވަނަ އަހަރު ޣައްސާނު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފެނުމުގެ ފުރުސަތެއް ނެތެވެ. ދުންޔާ މައުމޫނަކީ އަންހެނުންގެ ގޮފީގެ ރައީސާ އެވެ. މި ހައިސިއްޔަތުން ދުންޔާ އަކީ ވެސް ޕާޓީގެ ކައުންސިލްގެ މެންބަރެކެވެ. ޔުމްނާ މައުމޫނަކީ ވެސް ޕާޓީގެ އަންހުނުންގެ ގޮފީގެ މެންބަރެކެވެ. ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމަކީ ޑީއާރްޕީގެ ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރެކެވެ. ޕާޓީގެ ޒައީމަކީ ޑީއާރްޕީގައި ކައުންސިލްގެ މެންބަރެއް ނޫނެވެ.
ޕާޓީގެ ލީޑަރު އަހުމަދު ތަސްމީނު ޢަލީގެ ފަޅިއަށް ބަލައިލާ އިރު، ވެސް ޢާއިލީ ބޭފުޅުން މަދެއް ނޫނެވެ. ކައުންސިލުގައި ތަސްމީނުގެ އިތުރުން އަނބިކަނބަލުން ވިޝާމް ހިމެނެ އެވެ. މީގެ އިތުރުން ތަސްމީނުގެ އެއް ބަނޑު ކޮއްކޮ ނާޝީޒު އަދި އޭނާގެ އަނބިކަނބަލުން ރޮޒޭނާ އަކީ ޕާޓީގެ ކައުންސިލްގެ މެންބަރުންނެވެ. ހަމަ މިއާއި އެކު މި ވަގުތު ޕާޓީގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ހޯރަފުށީ ސަލީމަކީ ތަސްމީނުގެ އެއްބަނޑު ކޮއްކޮ ޢާއިޝަތު ނީޒާގެ ފިރި މީހާ އެވެ. އެހެން ކަމުން ތަސްމީނާއި ސަލީމަކީ ޅިޔަނުންނެވެ.
ޢާއިލީ ނުފޫޒުން ޑީއާރްޕީ ސަލާމަތް ކުރަން ވީތޯ ނުވަތަ ނޫންތޯ ނިންމާނީ އެ ޕާޓީގެ މެންބަރުންނެވެ. ޢާއިލީ ނުފޫޒާއި އިޚުލާޞްތެރި ކަމަކީ ވެރިކަމަށް އެ ޕާޓީ އަލުން އަނބުރާ ގެނައުމަށް ކިހާ މުހިންމު ކަމެއްތޯ ނިންމާނީ ވެސް އެ ޕާޓީގެ މެންބަރުންނެވެ. ޢާއިލީ ވަކިތަކުގައި ޕާޓީ ގަދަޔަށް ހިފާފައި އޮތުމުގެ ފައިދާ އާއި ގެއްލުން ވެސް އެންމެ ބޮޑަށް އެނގޭނީ އެ ޕާޓީގެ މެންބަރުންނަށެވެ.
އެކަމަކު އަޅުގަނޑުގެ ވެސް މައްސަލަ ތަކެއް އެބަ ހުއްޓެވެ. އެއީ ޢާއިލީ ވެރިކަމުގެ ތެރޭގައި ގައުމު ބަނދެވުމުގެ މައްސަލަ އެވެ. ޢާއިލީ ވެރިކަމުގެ ތެރޭގައި ރައްޔިތުން ބިކަ ވުމުގެ މައްސަލަ އެވެ. ޢާއިލީ ވެރިކަމުގައި ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލަ އެވެ. ރައީސްގެ ފަހަތުގައި އޮންނަ އޭނާގެ ޢާއިލާ ވިޔަސް އަދި ސިޔާސީ ޕާޓީއެއްގެ ފަހަތުގައި އޮންނަ އާއިލާ ވިޔަސް މި ކަމުގައި ތަފާތެއް ނެތެވެ. ސަރުކާރުން މުޅި ގައުމުގެ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ޚިދުމަތް ދޭން ޖެހޭނެ އެވެ. ޕާޓީން ވެސް ޕާޓީގެ ޢާންމު މެންބަރުންގެ އިހުސާސް ތައް ދަންނަން ޖެހޭނެ އެވެ. ގައުމީ ފިކުރާއި ގައުމީ ވިސްނުން އިސް ކުރާން ޖެހޭނެ އެވެ. މިއިން އެއްވެސް ދިމާ އަކުން ރައްޔިތުންގެ ވިސްނުމަށް ވުރެ އާއިލީ ވިސްނުން އިސް ވާނަމަ އެއީ އަޅުގަނޑަށް މައްސަލަ އެކެވެ. ޢާއިލީ ޗާޓު ހިފައިގެން ވެރިކަން ކުރިޔަސް، ގައުމުގެ ޗާޓު މަތިން ހަނދާން ނެތިގެން ނުވާނެ އެވެ. މި ގައުމު ނިސްބަތް ވަނީ ވެރިކަން ކުރާ މީހުންގެ އާއިލާ އަށް އެކަންޏެއް ނޫނެވެ. މި ގައުމު ނިސްބަތް ވަނީ ސިޔާސީ ޕާޓީ ތަކުގެ ލީޑަރުންގެ އާއިލާ ތަކަށް އެކަންޏެއް ވެސް ނޫނެވެ. މި ގައުމު ނިސްބަތް ވަނީ މި ގައުމުގެ ހުރިހާ މީހުންނަށެވެ. މި ގައުމު ނިސްބަތް ވަނީ ދިވެހިންނަށެވެ. އެހެން ކަމުން ކޮންމެ ބަޔަކު މި ގައުމުގައި ވެރިކަން ކުރިޔަސް، ކޮންމެ ޢާއިލާ އަކުން ވެރިކަން ކުރިޔަސް އެ ވެރިކަމެއް ވާން ވާނީ "ދިވެހި" ވެރިކަމަކަށެވެ.