24 Oct 2015, 00:12
ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު މާދަމާ މާލެވަޑައިގަންނަވާ އިރު އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވުމަށް ގޮވާލަމުން ދިޔަ ޕިކަޕެއް ފުލުހުން ހުއްޓުވައިފި އެވެ.
ފުލުހުން އެ ޕިކަޕް ހުއްޓުވާފައި ވަނީ މިރޭ 10:30 އެހާކަންހާއިރު ސުނާމީ ބިނާ ސަރަހައްދުންނެވެ.
އެ ޕިކަޕްގައި ތިބި މީހުން ލައުޑު ސްޕީކަރު ބޭނުންކޮށްގެން ގޮވަމުން ދިޔައީ ނައިބު ރައީސް މާދަމާ 11:30ގައި މާލެ ވަޑައިގަންނަވާތަނަށް ކުދިބޮޑު ވީހާ ވެސް ގިނަ ބަޔަކު ދިޔުމަށް އެދޭ ކަމަށެވެ.
އެކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުއްދަ ނުހޯދައި އަޑުގަދަކުރާ ބޭނުންކޮށްގެން ދުއްވަމުން ދިޔަ ޕިކަޕެއް ހުއްޓުވައި މިރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޔޫތު މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަލީ ޝާހިދު ވިދާޅުވީ ފުލުހުން އެ ޕިކަޕު ހުއްޓުވާފައި ވަނީ، އެފަދަ ހުއްދައަކަށް ލިޔުމުން އެދިފައިވަނިކޮށް ކަމަށެވެ.
ނައިބު ރައީސް މާދަމާ މާލެވަޑައިގަންނަ ވަނީ ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ. ޗައިނާގެ ދަތުރުފުޅަށް ފަހު އަމިއްލަ ދަތުރުފުޅެއްގައި އެމަނިކުފާނު ސިންގަޕޫރަށް ވެސް ދަތުރުފުޅެއް ކުރެއްވި އެވެ.