ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންކުރުމަށް ގޮވާލައި މިއަދު ވެސް މުޒާހަރާކޮށްފި އެވެ.

މިއަދު ހަވީރު 4:30 ގައި މުޒާހަރާ ފަށާފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ކައިރިންނެވެ.

މުޒާހަރާގައި ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވެފައި ވަނީ ޔުނައިޓެޑް ނޭޝަން ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބުލިއުޖީއޭޑީ)ތގެ ގޮވާލުމާ އެއްގޮތަށް ރައީސް ނަޝީދު މިނިވަން ނުކޮށްފިނަމަ ރާއްޖެއަށް ގެއްލުންތަކެއް ލިބޭނެކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން --- ސަން ފޮޓޯ/ފަޔާޒު މޫސާ

މުޒާހަރާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ މި ސަރުކާރުން އެއްވެއުޅުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ހަނިކުރަމުން އަންނަ ކަމަށެވެ.

"ދުވަހެއް ދުވަހަކަށް މިދަނީ ހައްގުތައް ހަނިކުރަމުން. މިހާރު އަޅުގަނޑުމެން ބޭނުން ގޮތަކަށް ހިނގާލެވޭކަށް، ވާހަކަ ދެއްކޭކަށް ނެތް. މިއީ މާލޭގެ މަގު. މިއީ އެންމެ މީހެއްގެ ތަނެއް ނޫން،" މުސްފަތާ ލުތުފީ ވިދާޅުވިއެވެ.

މިއަދުގެ މުޒާހަރާގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ރައްޔިތުންގެ މަޖިލީސް މެމްބަރުން ވެސް ބައިވެރިވިއެވެ.

ހަވީރު 6:00 އެހާކަންހާއިރު މުޒާހަރާ ނިންމާލާފައި ވަނީ ދުއާއަކުންނެވެ.