23 Oct 2015, 19:37
އިންސާނާގެ ޢާންމު ދިރިއުޅުމާއި މަސައްކަތުގެ މާހައުލާއި ގުޅުވައިގެން އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ މައުލޫމާތުތައް ދިނުމަށް ޚާއްސަ ސެމިނާރެއް ބާއްވަން ވިމެން އޮން ބޯޑްސް (ވޮބް) އިން ނިންމައިފި އެވެ. މި ސެމިނާރު އޮންނާނީ މާދަމާ ހޮޓެލް ޖެންގަ އެވެ.
ވޮބުން މައުލޫމާތު ދިން ގޮތުގައި މި ސެމިނާރުގައި މައުލޫމާތު ދޭނީ ޕޮލެންޑުގެ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ ޑރ. އެނާ ބާޗެއްޓީ ޑޫރިޝް އެވެ.
މި ސެމިނާރުގައި ޑރ. އެނާ މައުލޫމާތު ދޭނެ މައިގަނޑު މައުޟޫ ތަކުގެ ތެރޭގައި ދެރަވާން މެދުވެރިވާ ސަބަބު ތަކާއި އުފާވެރި ކަމާއި ދިރިއުޅުމާއި ވަޒީފާގެ މާހައުލާ ގުޅުން ހުންނަ މިންވަރާއި އުފާވެރި ކަމަކީ ކޮބައިކަން ފަދަ ބައިތައް ހިމެނެ އެވެ.
މި ސެމިނާރުގެ ޗީފް ގެސްޓަކީ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އެވެ.
އަންހެނުން އެކި ދާއިރާ ތަކުގައި ބާރުވެރިކުރުވުމާ ގުޅޭ ޕެނަލް މަޝްވަރާ ވެސް މި ސެމިނާރުގެ ތެރޭގައި ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ. މި ޕެނަލް ޗެއާ ކުރައްވާނީ ޑރ. އާމާލް އަލީ އެވެ. ޕެނަލް ގައި ދެން ހިމެނިވަޑައިގަންނަވާނީ ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސާ ޖަމީލާ އަލީ އާއި ހަމްދޫން ހަމީދު އެވެ.
އެއް ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ކުރިޔަށްދާ މި ސެމިނާރުގެ އެކްސްކްލޫސިވް ޕާޓްނަރަކީ ހޮޓެލް ޖެން އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.