ބަރަހާނާ މަންޒަރުތައް ވީޑިއޯކޮށް، އެތަކެތި ލީކްކޮށްލުމުގެ ސަބަބުން ކުށެއްނެތި ބަދުނާމުވި ފުވައްމުލަކުގެ ޓީމުތަކުގެ އޮފިޝަލުންގެ ކިބައިންނާއި ފުވައްމުލަކުގެ ރައްޔިތުންގެ ކިބައިން ތިނަދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ގދ. ތިނަދޫ ކައުންސިލްގެ އިދާރާ އިން މައާފަށް އެދިއްޖެ އެވެ.

މި މަހުގެ 21 ން 24 އަށް ތިނަދޫގައި ބޭއްވި މަކީޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ތިނަދު އަށް ދިޔަ ފުވައްމުލަކު ޓީމުތަކުގެ ބައެއް އޮފިޝަލުންގެ ބަރަހާނާ ވީޑިއޯތަކުގެ މައްސަލައާ ގުޅިގެން ތިނަދޫ ކައުންސިލްގެ އިދާރާ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އޮފިޝަލުންނާ މެދު ތިނަދު އަށް ނިސްބަތްވާ
ބަޔަކު ހިންގި ނާތަހުޒީބީ އެ އަމަލު އެ ރަށުގެ ރައްޔިތުންނާއި އެދާއިރާ އިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމާ މެދު އެ ދާއިރާ އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ތިނަދޫ ރައްޔިތުން އަބަދު ވެސް އެކަންތަކާ ދެކޮޅަށް އަޑުއުފުލައި ވަކާލާތު ކުރާ ކަންތައްތަކެއް." އެ ބަޔާނުގައިވެ އެވެ.
ތިނަދު އަށް ދިޔަ އަންހެން އޮފިޝަލުންގެ ބަރަހާނާ މަންޒަރުތައް ސިއްރުން ވީޑިއޯ ކުރި ފަރާތްތަކާ މެދު އިންސާފުވެރި ތަހުގީގެއްކޮށް އެ ފަރާތްތައް ޤާނޫނުގެ ކުރި މައްޗަށް ހާސިރު ކުރުމަށް އެ ނޫސްބަޔާނުގައި ވަނީ ފުލުހުންނަށް ގޮވައިލައިފަ އެވެ.

އެއަމަލު ކުށްވެރިކޮށް ފުވައްމުލަކު އަށް ކައުންސިލްގައި ހިމެނޭ 24 މެންބަރުންގެ ތެރެއިން 23 މެންބަރަކު ސޮއިކޮށް، މިދިޔަ ހޯމަ ދުވަހު ވަނީ ގަރާރެއް ނެރެފަ އެވެ. އަދި އެތްލެޓިކްސް ޓީމާ ހަވާލުވެގެން ފުވައްމުލަކުން ދިޔަ އެ އޮފިޝަލުންގެ ބަރަހާނާ މަންޒަރުތައް ސިއްރުން ވީޑިއޯކޮށް، ލީކްކޮށްލި ބަޔަކު ހޯދައި އެމީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ގަރާރުގައި ވަނީ ގޮވައިލައިފަ އެވެ.