23 Oct 2015, 17:03
އިސްރާއީލުން ގާނޫނުތަކާއި ގަވައިދުތަކާއި ޚިލާފަށް ފަލަސްތީނު އަޅުވެތިކޮށްފައި އޮތް އޮތުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖޭން އދ. ގައި އެދިއްޖެއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި މެދުއިރުމައްޗާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސިރު ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި އދ. ނުކުޅެދިފައިވާ ކަަމަށެވެ.
"އދ. އަކީ މުޅި އިންސާނިއްޔަތަށްޓަކައި ރަނގަޅު ކަންތައްތައް ކޮށްދޭ ޖަމާއަތެއް. އެ ޖަމާއަތުން ވަނީ ހަމަނުޖެހުންތައް ހުއްޓުވާ ސުލްހަ ގާއިމުކޮށްފައި. އެ ޖަމާއަތުން ވަނީ އަޅުވެތިކަމުންނާއި ހަމަނުޖެހުންތަކުން މީހުން ސަލާމަތްކޮށްދީފައި. އެހެންނަމަވެސް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގައި އދ.ކުރެވުނު އެއްވެސް ކަމެއް،" ނަސީރު ވިދާޅުވިއެވެ.
ފަލަސްތީނުގެ ހައްގުގައި އެއްވެސް ކަމެއް ނުކުރެވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުމަށް އޮތް ވަރަށް ބޮޑު ހިތާމައެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނަސީރު ވަނީ ފާއިތުވި ދެ ހަފްތާތެރޭގައި ގުދުސްގައި ހިނގާ ހަމަނުޖެހުންތައް އިތުރުވެފައިވާ ކަަން ފާހަގަކޮށްފައެވެ.
ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި ވަނީ އިސްރާއީލުން ގަވައިދާ ޚިލާފަށް އެތައް ހާސް ބަޔަކު ވަޒަންކުރަމުންގެންދިއުމަކީ ސުލްހަ އަށް އެޅޭ ހުރަހެއް ކަމަށް ވިދާޅުވިއެވެ.
ހަރަމް އަލް ޝަރީފު އަށް އެއްވެސް ކަހަލަ ހުރަހެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް ދެވުމަކީ ސުލްހައިގެ މަރުހަލާ ކުރިއަަށް ގެންދިއުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް ކަމަށް ނަސީރު ވިދާޅުވިއެވެ.

ފޮރިން ސެކެރެޓަރީ ޑރ. އަލީ ނަސީރު އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ވާހަކަ ދައްކަވަނީނ -- ފޮޓޯ: ފޮރިން މިނިސްޓްރީ
ފަލަސްތީނު އިސްރާއީލް ބޯޑަރާއި ރެފިއުޖީންގެ މައްސަލަ އާއި ގުދުސްގެ މައްސަލަ އަށް ބައިނަލް އަގުވާމީ މުޖްތަމައުއިން މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދިނުމަށް ނަސީރު އެދިވަޑައިގަތެވެ.
ފަލަސްތީނަށް ސުލްހަ ގެނައުމަށްޓަކައި ސުލްހައިގެ މަސައްކަތް ކުރަން އިސްނަގަންޖެހޭނީ އދ. އިން ކަން ނަސީރު ފާހަގަކުރެއްވިއެވެ.
"ސުލްހަވެރި ކަމާއި އަމާން ކަމާ އެކު ދިރިއުޅުމަކީ އެހެންއެއްމެންނެކޭ އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ލިބިގެންވާ ހައްގެއް،" ނަސީރު ވިދާޅުވިއެވެ.
ފާއިތުވި ދެ ހަފްތާއެއް ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ އާންމުންގެ އަދަދު ވަނީ 36 އަށް އަރާފައިވެ އެވެ. އަދި އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނުގެ އާންމުން އިސްރާއީލު ސިފައިންނަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ ހަތް މީހުން ވަނީ މަރުވެފަ އެވެ.