އޭޝިއަން ނެޓްބޯލް ފެޑްރޭޝަން (އޭއެންއެފް) އާއި ރާއްޖޭގެ ނެޓްބޯލް އެސޯސިއޭޝަނާ ގުޅިގެން ނެޓްބޯލް އަމްޕެޔަރުން ތަމްރީން ކުރުމަށް ރާއްޖޭގައި އިންޓަނޭޝަނަލް ޓެރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

ނެޓްބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް އާމިނަތު ނިމާ ސަން އަށް ވިދާޅުވީ ޓްރޭނިން ޕްރޮގްރާމްގައި ބައިވެރި ކުރަނީ ޖިސްމާނީގޮތުން ވަކި ސްޓޭންޓަޑެއްގެ މީހުން ކަމަށާއި ނަމަވެސް ކުރިމަތިލި މީހުންގެ ތެރެއިން އެސްޓޭންޑަޓްގައި ތިބީ 10 މިހުންކަމަށެވެ.

އެޓްރޭނިން ޕްރޮގްރާމަކީ ބޭސިކް ޕްރޮގްރާމަކަށް ވުމުން އިތުރު މީހުންނަށް ފުރުސަތު ދިނުމަށް އެސޯސިއޭޝަނުން އެދުމުން ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވެވޭ އެންމެ ގިނަ އަދަދު ކަމުގައިވާ 25 މީހުންނަށް ފުރުސަތުދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރޭނިންގް ޕްރޮގްރާމްގައި ބައިވެރިވުމަށް 36 ފަރާތަކުން ހުށަހެޅި ކަމަށް ނިމާ ވިދާޅުވިއެވެ.

"ހަގީގަތުގައި ރާއްޖޭގައި އަދި ނެތް ނެޓްބޯލްގެ އިންޓަނޭޝަނަލް އަމްޕެޔަރުންނެއް. އެހެންވެ ރާއްޖޭގައި އިންޓަނޭޝަނަލް އަމްޕެޔަރުން އުފެއްދުމަށް އަޅުގަނޑުމެންގެ ރިކްއެސްޓަކަށް އަދި އޭޝިއަން ނެޓްބޯލް ފެޑްރޭޝަނުންވެސް ރާއްޖޭގެ އައިސް މިޕްރޮގްރާމް މިހިންގައި ދެނީ،" ނިމާ ވިދަޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ހަފުތާއެއް ކުރިން ނިމުނު އިންޓަނޭޝަނަލް ކޯޗިން ޓްރެއިނިން ޕްރޮގްރާމްގައިވެސް އެންމެ ރަނގަޅު ފަސް ބައިވެރިން ހޮވައި އޭއެންއެފްގެ އިންޓަނޭޝަނަލް އިތުރު ޓްރޭނިން ޕްރޮގްރާމްތަކުން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދާ އަމްޕެޔަރުންގެ ޓްރޭނިން ޕްރޮގުރާމްގައިވެސް އެންމެ ރަނގަޅު ފަސް ބައިވެރިން ހޮވައި އިންޓަނޭޝަނަލް ސީ ލައިސެންސް ކޯހުން ފުރުސަތު ލިބޭ ގޮތަށް ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ޓްރޭނިން ޕްރޮގްރާމް އިއްޔެ ފެށިއިރު ޓްރޭނިން އިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހަށެވެ.