23 Oct 2015, 15:24
ޕެސިފިކު ކަނޑުގެ ދެކުނުގައި އޮންނަ ވަނުއާޓޫގެ މަޖިލީހުގެ 14 މެމްބަރަކު ރިޝްވަތު ހިފުމުގެ ކުށުގައި ޖަލަށް ލުމުށް އިއްޔެ ހުކުމް ކޮށްފިއެވެ.
އެ މެމްބަރުން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އެ މެމްބަރުންނަށް 35 މިލިއަން ވާޓޫ (312،000 ޑޮލަރު) ރިޝްވަތުގެ ގޮތުގައި ދިން ކަމުގެ ކުށް ސާބިތުވުމުންނެވެ.
ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އިރު މެމްބަރުން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ތިން އަހަރަށެވެ. އެ ހުރިހާ މެމްބަރުންނަކީ ވެސް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނެވެ.
ރިޝްވަތު ނެންގެވި މެމްބަރުންނަކީ ސަރުކާރުގެ މިނިސްޓަރުންގެ މަގާމުތައް ވެސް ފުރުއްވާ މެމްބަރުންނެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރާއި ފައިނޭންސް މިނިސްޓަރު ހިމެނެއެވެ. އަދި މަޖިލީހުގެ ރައީސް ވެސް ހިމެނެއެވެ.
އެ ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވީ ރިޝްވަތު ދީފައި ވަނީ މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް ކަަމަށެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ މީހުންނަށް ކްރިމިނަލް ލޯގެ ދަށުންދެވޭ ހަރުކަށި އަދަބު ދޭނެ ކަަމަށް ވެސް އެ ފަޑިޔާރު ބުންޏެވެ.
މެމްބަރުން ރިޝްވަތު ނަގާފައިވާ ކަމަށް އެއްމެ ފުރަތަމަ ނިންމީ މިމަހުގެ ނުވައެއް ގައެވެ. އޭރު އެ ގައުމުގެ ރައީސް ހުންނެވީ ގައުމުން ބޭރުގައެވެ.
ގައުމު ހިންގެވުމާ ހަވާލުހުރި މަޖިލީހުގެ ރައީސް ވަނީ އޭނާ އަމިއްލަފުޅަށް މަޖިލީހުގެ ރައީސަށާއި އެހެން މެމްބަރުންނަށް މައާފްދެއްވާފައެވެ.
އެ ގައުމުގެ ރައީސް ވަނީ ގައުމަށް އެނބުރި ވަޑައިގެން އެ ނިންމެވުން ބާތިލް ކުރައްވާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ މައާފްދިނުމަށް މަޖިލީހުގެ ރައީސް ނިންމެވި ނިންމެވުން ބާތިލްކޮށްފައެވެ.
މިދިޔަ ޖޫން މަހު ވެރިކަމާ ހަވާލުވި ޕާޓީގެ ސާދަ މެމްބަރުންނަށް ޖަލު ހުކުމް އައުމާއިއެކު އާއްމު އިންތިޚާބެއް އަލުން ބާއްވާނެ ކަަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ވަނުއާޓޫ އަކީ 270،000 ހާހެއްހާ މީހުން ދިރިއުޅޭ ގައުމެކެވެ.