23 Oct 2015, 14:27
އިންސާނީ ހައްގުތަކުގެ ދާއިރާ އިން ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް ގްލޯބަލް ލީޑަޝިޕް އެވޯޑް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ލިބިވަޑައިގެންފައި ވާތީ އެމްޑީޕީ އިން އެ މަނިކުފާނަށް މަރުހަބާ ކިޔައިފި އެވެ.
އެ އެވޯޑު ޑރ. ޝަހީދާ ހަވާލުކުރެއްވުން އޮންނާނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ނިއު ޔޯކްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެމްޑީޕީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޔުނައިޓެޑް ނޭޝަންސް އެސޯސިއޭޝަން އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެންއޭ-ޔޫއެސްއޭ) އިން އެމަނިކުފާނަށް އެ އެވޯޑު ދެނީ އީރާންގެ އިންސާނީ ޙައްގުތައް ކުރިއަރުވަން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށް ކަމަށެވެ.
އދ.ގެ އިންސާނީ ޙައްގުތަކާ ބެހޭ ކައުންސިލުން އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޑރ. ޝަހީދެވެ. އީރާންގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ބެލުމަށް ޑރ. ޝަހީދު އައްޔަންކުރައްވާފައި ވަނީ 2011 ގަ އެވެ. އޭގެ ފަހުން ޑރ ޝަހީދު އީރާނުގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކުރައްވައި އެކި މައްސަލަތަކުގެ ހައްލު ހޯއްދަވަން ގިނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވައިފަ އެވެ.
އެމްޑީޕީ އިން ބުނީ އެ ފެންވަރުގެ މި އެވޯޑު ދެނީ އދ.ގެ މަގްސަދުތައް ހާސިލްކުރުމުގައި މުޅި ދުނިޔެ އިން ވެސް ފާހަގަކޮށްލެވޭ ފަދަ ބޭފުޅުންނަށް ކަމަށެވެ.
ޑރ. ޝަހީދުގެ އިތުރުން އެ އެވޯޑް ލިބިވަޑައިގަންނަވާ އެއް ބޭފުޅަކީ އދ.ގެ ސެކެރެޓަރީ ޖެނެރަލް ބަން ކި މޫން އެވެ. ޑރ. ޝަހީދުގެ މަސައްކަތްފުޅުން ލިބިވަޑައިގަތް މި އެވޯޑަކީ އެމަނިކުފާނުގެ ގާބިލުކަމާއި ބައިނަލްއަގުވާމީ ދުނިޔެ އިން އެމަނިކުފާނާ މެދު ކުރައްވާ އިތުބާރު ދޭހަވެގެންދާ ކަމެއްކަމުގައި އެމްޑީޕީ އިން ބުންޏެވެ.