23 Oct 2015, 14:06
ފަރަންސޭސި ވިލާތުގައި ބަހަކާއި ޓްރަކެއް އެކަތި އެނެކަތި ކުރިމަތިން މިއަދު ޖެހި 42 މީހަކު މަރުވެއްޖެ އެވެ.
ރޮއިޓާސް އިން ބުނީ އެ ހާދިސާގައި އަލިފާން ރޯވި ކަމަށާއި ގިނަ އިން މަރުވީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އަދި އެއީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ފްރާންސުގައި ހިނގި އެންމެ ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓް ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.
ފްރާންސުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި އެ ހާދިސާގައި މަރުވި އެންމެންނަކީ ވެސް ފްރާންސް މީހުންނެވެ.
ފްްރާންސްގެ ރައީސް ފްރެންކޮއިސް ހޮލޭންޑޭ ވިދާޅުވީ އެ ކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
އެ ހާދިސާ ހިނގި އިރު ބަހުން ދަތުރު ކުރީ ގާތްގަނޑަކަށް 50 ވަރަކަށް މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ.
ފްރާންސުގައި 1970ގެ އަހަރުތަކުގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު އުޅުނީ 16،000ގެ ތެރޭގަ އެވެ. ނަމަވެސް ފަހުގެ އަހަރުތަކުގައި އެ އަދަދު ވަނީ 4000 އަށް ވުރެ ދަށްވެފަ އެވެ.