ވޮޝިންޓަން (އޮކްޓޯބަރ 23): އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ އެމެރިކާގައިވާ ހުރިހާ މިސްކިތްތަކެއް ބަންދުކުރައްވާނެ ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މަސައްކަތްކުރާ ހަރުކަށި ޚިޔާލުގެ ބޭފުޅެއްކަމަށްވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފޮކްސް ބިޒްނަސް ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ މިސްކިތްތަކަކީ އެމެރިކާގެ މުޖުތަމައަށް ހުރި ނުރައްކަލެއްކަމަށާ މިސްކިތްތައް ބަންދުކުރުމަށް އޭނާގެ ވެރިކަމުގައި ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމެއްކަމުގައެވެ.

ޑޮނަލްޑް ޓްރަމްޕަކީ މުއްސަނދި މަހުޖަނެއް ނަމަވެސް ގަވަނިންގ ދާއިރާއާއި ބައިނަލްއަގްވާމީ ދާއިރާ އެއްވެސް ވަރަކަށް ދެނެވަޑައިނުގަންނަވާ ބޭފުޅެކެވެ.

އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޓްރަމްޕް ވަނީ މީގެކުރިންވެސް މިބާވަތުގެ ހަރުކަށި ބަޔާންތައް ދެއްވާފައެވެ. މިކަމުގެ ސަބަބުން އޭނާދަނީ ވެރިކަމަށް ކުފޫ ހަމަނުވާ ބޭފުޅެއްގެ ގޮތުގައި އެމެރިކާގެ އާންމުންގެ މެދުގައި ލޭބަލްވަމުންނެވެ.

ޓްރަމްޕް މަސައްކަތް ކުރައްވަނީ 2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރިބަޕްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށެވެ. ނަމަވެސް މިއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ޑޮނަލްޑް ޓްރަމްޕަށް އެމެރިކާގެ ރައީސްކަން ލިބިވަޑައިނުގަންނަވާނެ ކަމީ ޔަގީންކަމެއް ކަމަށާ އޭނާއަކީ އެކަމަށް އެއްގޮތަކަށްވެސް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ގާނޫނު އަސާސީގައި ހުރިހާ ދީންތަކެއްގެ މީހުންނަށްވެސް އަޅުކަންކުރުމާއި އަޅުކަންކުރާ ތަންތަން ބިނާކޮށް އެތަންތަނަށް ގޮސް އަޅުކަން ކުރުމުގެ މިނިވަންކަން ދީފައިވާއިރު ޓްރަމްޕަށް ވެރިކަން ލިބިވަޑައިގެންފި ހާލަތެއްގައި އެމެރިކާގެ ހުރިހާ މިސްކިތްތައް ބަންދުކުރާނީ ކިހިނެތްތޯ ފޮކްސް ބިޒިނަސް ނެޓްވާކުގެ ޕްރެޒެންޓަރު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އެކަން ކުރެވޭނެގޮތެއް އޭނާއަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ އެކަމާމެދު ޖެހޭނީ ވިސްކަން ކަމުގައެވެ.

އެމެރިކާގެ މުސްލިމުންގެ ޖަމްއިއްޔާ އެމެރިކަން މުސްލިމް ރެލޭޝަންސް ކައުންސިލުންވަނީ ޓްރަމްޕަކީ ހަރުކަށި ބޭފުޅެއްކަމަށް ސިފަކޮށްފައެވެ. އެމެރިކާއާއި ޔޫރަޕްގެ ބައެއް ސިޔާސީ ލީޑަރުންނަކީ އިސްލާމް ފޯބިޔާގެ ޖެހިފައިވާ ބައެއްކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނާއިރު ޓްރަމްޕްވެސް މި "ބަލީ" ގެ ޝިކާރައަކަށް ވެފައިވުމަކީ އެކަށީގެންވާކަމެއް އެމެރިކަން މުސްލިމް ރެލޭޝަންސް ކައުންސިލްގެ ވެރިއެއް ކަމަށްވާ ރޮބަޓް މާކޯ ވިދާޅުވިއެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ފަދަ މުސްލިމުން ދެކެ ރުޅިއަންނަ ހަރުކަށި އަދި ހައްދު ފަހަނަޅާފައިވާ ބޭފުޅެކެވެ.

ޓްރަމްޕް ދާދިފަހުން ބޭއްވި އިންތިޚާބީ މުނާޒަރާ އެއްގައި (އިންތިޚާބާ ގުޅޭ ޓީވީ ބަހުޘެއްގައި) ވަނީ އިސްލާމް ދީނަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަ އެއް ކަމަށް ސިފަކުރައްވައި އިސްލާމް ދީނުން އެމެރިކާ ސަލާމަތް ކުރުމަކީ ކުރަންޖެހިފައިވާ ކަމެއްކަމަށް ވިދާޅުވެސް ވާހަކަ ދައްކަވާފައިވެއެވެ.

(ނޫސްއެޖެންސީތައް)