23 Oct 2015, 11:54
މާސްކް އަޅައިގެން ހުރި ޒުވާނަކު ސްވިޑަންގެ ޓްރެއަލް ހެޓަންގެ ސްކޫލަށް ވަދެ، އެ ސްކޫލުގެ ދަރިވަރުންތަކަކާއި އެކު ފޮޓޯ އެއް ނެގުމަށް ފަހު ޓީޗަރަކާއި ދަރިވަރަކަށް ވަޅިން ހަމަލާދީ މަރާލާފިއެވެ.
އޭނާ މަރާލާފައި ވަނީ 17 އަހަރުގެ ދަރިވަރެކެވެ. މަރުވި ޓީޗަރުގެ އުމެރެއް ނޭނގެއެވެ.
ވަޅިން ހަމަލާދިނުމުގެ ސަބަބުން 14 އަހަރުގެ އިތުރު ޓީޗަރާކާއި އުމުރުން 15 އަހަރުގެ ދަރިވަރަކަށް ވެސް ސްވިޑަންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަަމަށް ބީބީސީން ބުންޏެވެ.
އެ ފޮޓޯ އިން ފެންނަ ގޮތުން ވަޅިން ހަމަލާދިން 21 އަހަރުގެ ޒުވާނާ ހުރީ މޫނުނިވާކޮށްގެން މުޅިން ކަޅު ކުލައިގެ ހެދުމުގައެވެ. އަދި އޭނާގެ އަތުގައި ކަނޑިއެއް އޮތެވެ.
ސްވިޑަންގެ ގަޑިން އިއްޔެ ހެނދުނު 10:00 އެހާކަންހާއިރު ހިނގި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ވަނީ އެ ސްކުލަށް ގޮސް އެ ޒުވާނާއަށް ބަޑިން ހަމަލާދީފައެވެ. ހަމަލާދިން ޒުވާނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ފުލުހުން ބުނީ އޭނާގެ އަތުގައި ދެތިން ވަޅި އޮތް ކަމަށެވެ.
ސްކޫލްތެރޭގައި ވަޅިން ހަމާލާދިނުމުން އެވަގުތު އެ ސްކޫލުގައި ކިޔަވަމުުންދިޔަ އެތައް ސަތޭކަ ދަރިވަރަކު ވަނީ ބިރުން ދުވެ ފިލާފައެވެ.
ހަމަލާދިނީ އެކަނިވެރި ޒުވާނެއް
ފުލުހުން ވަނީ އެމީހާ އުޅުނު ގެ ޗެކްކޮށް އެއްޗެހިތަކެއް ގެންގޮސްފައެވެ. އެ މީހަކީ މީގެ ކުރިން އެއްވެސް ކަހަލަ ކުށުގެ ރިކޯޑެއް ނެތް މީހެއް ކަަމަށް ފުލުހުން ބުންޏެވެ.
ސްވިޑަންގެ މީޑިއާ ބުނާ ގޮތުން އޭނާގެ ފޭސްބުކް އެކައުންޓަށާއި ޔޫޓިއުބް އެކައުންޓަށް ބަލާލުމުން އޭނާ އަކީ ހިޓްލަރަށް ތާއީދުކުރާ މީހެއްކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އިސްލާމްދީނަށް އޭނާ ނަފްރަތު ކުރާކަމަށް ދޭހަވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެހެން ގައުމުތަކުން އެގައުމަށް ހިޖުރަކުރާ މީހުންނަށް ވެސް އޭނާ ނަފްރަތުކުރާ ކަމަށް ދޭހަވާ ކަަމަށް ސްވިޑަން މީޑިއާއިން ބުންޏެވެ.
"އޭނަ އަކީ އެކަނިވެރިއެއް. ވީޑިއޯ ގޭމް ކުޅޭނެ، އޭނަ އުޅޭނީ މުޅިން އޭނަގެ އަމިއްލަ ދުނިޔެއެއްގައި،" ހަމާލާދިން ޒުވާނާއާ އެއްކުލާހެއްގައި ކިޔެވި މީހަކު ސްވިޑަންގެ މިޑިއާ އަކަށް ބުންޏެވެ.
އެ ހަމަލާއާ ގުޅިގެން ސްވިޑަންގެ ބޮޑު ވަޒީރު ވިދާޅުވީ އިއްޔެ އަކީ އެ ގައުމަށް ކަޅު ދުވަހެއްކަމަށެވެ.