30 Mar 2011, 16:20
ފުލުހުން ތަހުގީގުކުރާ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފުލުހުންނާ މަޝްވަރާކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ބަރަހަނާ މަންޒަރުތައް ބޭނުންކޮށްގެން ދައުލަތުގެ އިސްވެރިންނާއި އެކިފަންތީގެ މީހުން ބްލެކްމައިލްކުރަން ބަޔަކު މަސައްކަތްކުރި މައްސަލަ ވެސް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުން ބުނެފި އެވެ.
ޕީޖީ އަހުމަދު މުއިއްޒު މިއަދު ވިދާޅުވީ، މުހިންމު މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތް ފުލުހުން ޕީޖީ އޮފީހަށް އަންގަމުންދާ ކަމަށެވެ. އެގޮތުން ބަރަހަނާ މަންޒަރުތަކާ ގުޅޭ މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ވެސް ފުލުހުން ދެމުންގެންދާ ކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
"މުހިންމު މައްސަލަތާ ގުޅޭ ގޮތުން އަބަދުވެސް އަޅުގަނޑުމެން ފުލުހުންނާ މަޝްވަރާކުރަން،" މުއިއްޒު ވިދާޅުވި އެވެ.
އަދި އެ މައްސަލައިގައި ދައުވާކުރާނެ ފަރާތްތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ، ދައުވާކުރާނެ ފަރާތްތައް ކަނޑައަޅާނީ މައްސަލައިގެ ތަހުގީގު ނިމުމަށް ފަހު، ލިބިފައި ހުރި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ފުލުހުން އަދިވެސް ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ. އަދި ފުލުހުންނަށް ލިބިފައިވާ ބަރަހަނާ މަންޒަރުތަކުން ފެންނަ އެތައް ބަޔަކު އަދިވެސް އައިޑެންޓިފައި ނުކުރެވޭ ކަމަށާއި އެމީހުން އައިޑެންޓިފައިކޮށް، މައްސަލަ އަވަހަށް ޕީޖީ އަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ދައުލަތުގެ އިސްވެރިންނާއި އަދި މުޖުތަމައިގެ އެކި ފަންތީގެ މީހުންގެ ބަރަހަނާ މަންޒަރުތަކެއް ވެބްކެމް މެދުވެރިކޮށް ރެކޯޑްކޮށް، އެ ބޭނުންކޮށްގެން އެމީހުން ބްލެކްމެއިލް ކުރަން ބަޔަކު މަސައްކަތްކުރި މައްސަލަ ފަޅާއެރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންގެ ޓީމެއް އައްޑު އަށް ގޮސް ގިނަ އަދަދެއްގެ ޒުވާނުންތަކެއް ހައްޔަރުކުރުމުންނެވެ. އައްޑޫން ހައްޔަރުކުރި ޒުވާނުންނަކީ އެކަމުގައި އިސްކޮށް އުޅުނު މީހުންކަމަށްވެ އެވެ.
އަދި އެކަމުގައި ވަރަށް އިސްކޮށް 17 އަހަރުގެ ކުއްޖަކު ބައިވެރިކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް، އޭނާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލައިގެ ތަހުގީގު ވަކި ބަޔެއްގެ މައްޗަށް ހިންގާ ކަމަށް ތުހުމަތުކޮށް، ފުލުހުންނަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސިޔާސީ ފަރާތްތަކާއި އާއްމުންގެ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި، ބަރަހަނާ މަންޒަރުތަކުން ފެންނަ މީހުންގެ މައްސަލަ ބަލައި، އެމީހުންގެ މައްޗަށް ވެސް ދައުވާކުރެވެން ޖެހޭނެ އެވެ.
ނަމަވެސް، މިހާތަނަށް ބަރަހަނާ މަންޒަރުތަކުން ފެންނަ މީހެއްގެ މައްސަލައެއް ތަހުގީގުކުރާ ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.