އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އަދި އެސޯސިއޭޝަން އޮފް ނެޝަނަލް އޮލިމްޕިކް ކޮމިޓީސް (އޭއެންއޯސީ)ގެ ރައީސް ކުވައިތުގެ ޝައިޚް އަހްމަދު އަލް ފަހްދު އަލް ސޮބާހްގެ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ހަމަޖައްސަވައިފިއެވެ.

އެ ކޮމިޓީއަށް ޝަވީދު ހަމަޖެއްސެވުމުން އޭނާގެ ފޭސްބުކް ޕޭޖުގައި ޝަވީދު ވިދާޅުވީ އަހްމަދު އަލް ޞޮބާހާއެކު މަސައްކަތް ކުރެއްވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެޑްވައިޒަރީ ކޮމެޓީއަށް ޝަވީދު ހަމަޖެއްސެވިއިރު އަޙްމަދު އަލް ފަހުދަކީ ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެކެވެ.

އަދި މިއަހަރު ބޭއްވި އޭއެފްސީ ކޮންގްރެސްގައި ޝަވީދު ވަނީ އަޙްމަދު އަލްފަހްދާއި އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އެބްރާހިމް ބިން ޚަލަފީ އަރިހުގައި ގާތުން މަސައްކަތްކުރައްވައިފައެވެ.

އެގޮތުން ފީފާގެ އިންތީޚަބުގައި އޭޝިއާއިން އެއް ކެނޑިޑޭޓަކަށް ވޯޓް ދިނުމަށް ގެންގުޅުއްވި ސްޓޭންޑް ދެމެހެއްޓުމަށް އެހެން ގައުމުތަކަށް ބާރު އަޅުއްވައި ޝަވީދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އޭޝިއަން އޮލިމްޕިކް ކައުންސިލްގެ ރައީސް އެޑްވައިޒަރީ ބޯޑަށް ޝަވީދު ހަމަޖެއްސެވިއިރު އޭނާއަކީ ރައްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަންވެސްމެއެވެ.